ޚަބަރު

ރައީސްގެ އަނބިކަނބަަލުން އައްޑޫ ސިޓީއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެކަމަނާ އައްޑޫ ސިޓީއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އައްޑޫ ސިޓީގެ ގަމުން އެކަމަނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ އާންމުން ޖަމާވިކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މި ދަތުރުފުޅަކީ، އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އެންމެ ގާތުން މި ޝިއާރުގެ ދަށުން އެކަމަނާ ރާއްޖޭގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލު ވީހާވެސް ކައިރިން ބަލާލުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެކި ރަށްރަށުގެ އިސްރަށްވެހިންނާއި، އަންހެން ކަނބަލުން އަދި ސަރުކާރުގެ މުޢައްސަސާތަކާވެސް އެކަމަނާ ބައްދަލުކުރައްވައެވެ.

އައްޑޫ ސިޓީއަށް އެކަމަނާ ކުރައްވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.