ޚަބަރު

އިތުރަށް ޙިއްޞާ ގަތުމުގެ ފުރުސަތު އެމްޓީސީސީން ހުޅުވާލައިފި


ރައިޓްސް އިޝޫގެ ދަށުން ކުންފުނީގެ ޙިއްޞާދާރުންނަށް, އިތުރަށް ޙިއްޞާ ގަތުމުގެ ފުރުސަތު އެމްޓީސީސީން ހުޅުވާލައިފިއެވެ.

މިއާ އެކު އެމްޓީސީސީ ވެފައިމިވަނީ ރައިޓްސް އިޝޫއެއްގެ ދަށުން ކުންފުނީގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ވިއްކާ ރާއްޖޭގެ ފުރަތަމަ ކުންފުންޏަށެވެ.

އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. 

ރައިޓްސް އިޝޫގެ ގޮތުގައި ޙިއްޞާ ވިއްކުމަށް ހުށަހަޅާފައިވަނީ، މޫނުމަތީ އަގުގެ ފަސްރުފިޔާގެ ޖުމްލަ ފަސް މިލިޔަން ޙިއްޞާއެވެ. އެމްޓީސީސީގެ ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވަނީ ޙިއްޞާއެއް ފަސްދޮޅަސް ދެ ރުފިޔާއަށެވެ.

އެމްޓީސީސީން ޙިއްޞާދާރުންނަށް ރައިޓްސް އިޝޫގެ ގޮތުގައި ޙިއްޞާ ވިއްކަން ފެށުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު ހިލްމީ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭ ޙިއްޞާ ވިއްކުމަށް އަތޮޅުތެރެއަށް އެކުންފުނިން ދާނެކަމަށެވެ. 

"މިހާރު ޙިއްޞާ ވިއްކަމުން ދާނީ އެމްޓީސީސީ ހެޑް އޮފީހުގެ ތިން ވަނަ ފަންގިފިލާގައި، އަދި އަންނަ ހަފްތާއިން ފެށިގެން އަތޮޅުތެރެއަށް އެމްޓީސީސީން ދަތުރުކުރަމުންދާނެ، މިއާ އެކު ވީހާވެސް ގިނަ ބަޔަކަށް އެމްޓީސީސީގެ ޙިއްސާ ގަތުމުގެ ފުރުސަތު ފައްސޭހަވެގެންދާނެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓޮކް އެކްސްޗޭންޖުގެ އެޖެންޓުން މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ހިއްސާ ގަނެވޭނެ" މުޙައްމަދު ހިލްމީ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ، އައުޝަން ލަތީފު ވިދާޅުވީ، ޙިއްޞާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ.

"ސްޓޮކް އެކްސްޗޭންޖުގެ ޙިދުމަތެއް ހޯދާ ނަމަ އެންމެ ފުރަތަމަ ސެކިއުރިޓީސް ޑިޕޮސިޓަރީ އެކައުންޓެއް ހުޅުވަން ޖެހޭ،  އެމްޓީސީސީގެ ޙިއްޞާ ގަތުމަށް އެދޭ ފޯމާއި، ސެކިއުރިޓީސް ޑިޕޮސިޓަރީ އެކައުންޓް ހުޅުވާ ފޯމްތައް ރަށު ކައުންސިލްތަކުންނާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯޔައެއް މެދުވެރިކޮށް އެޓެސްޓު ކުރުމަށްފަހު، އަޅުގަނޑުމެންގެ ސިސްޓަމަށް އަޕްލޯޑު ކުރެވުމުން އެކައުންޓު ހުޅުވޭނެ އަދި އެއަށް ފަހު ޙިއްޞާގެ މުއާމަލާތް ކުރެވޭނެ" އައުޝަން ވިދާޅުވިއެވެ.

އެމްޓީސީސީއިން ރައިޓްސް އިޝޫގެ ދަށުން ޙިއްޞާ ވިއްކުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޢަބްދުﷲ ކަމާލުއްދީންވަނީ ޙިއްސާދާރުން ޙިއްޞާ ގަތުމުގެކުރިން ޕްރޮސްޕެކްޓަސް ރަގަޅަށް ބެލުމަށް އެދިފައެވެ.

" ސީއެމްޑީއޭއިން ވަނީ އެމްޓީސީސީގެ ޕްރޮސްޕެކްޓަސް ފާސްކޮށްފައި، އަދި ޙިއްޞާދާރުން ޕްރޮސްޕެކްޓަސް ރަގަޅަށް ބެލުން މުހިއްމު، މާރކެޓުގައި މިފަދަ ފުރުސަތުތައް ހުޅުވިގެން ދިޔުމަކީ ސީއެމްޑީއޭއިން ވަރަށް ބޮޑަށް އެދޭ ކަމަށް" ފާތުމަތު އަބްދުއްﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހު ބޭއްވި އެމްޓީސީސީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކޮންމެ ޙިއްސާއެއް 10 ޙިއްސާއަށް ސްޕްލިޓް ކުރުމަށްފަހު ޙިއްޞާއަކަށް ޙިއްޞާއެއްގެ މަގުން ކުންފުނީގެ މިހާރުގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ޙިއްޞާ ގަނެވޭނީ މިއަހަރުގެ އޮކްޓޯބަރ ނުވަވަނަ ދުވަހުގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޙްތިޔާރުކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދެވިފައިވާ އެހެން ފަރާތަކަށެވެ.