ޚަބަރު

"ތައްޔާރު" ނަމުގައި ޕީޕީއެމުން ޚާއްސަ ޖަލްސާއެއް ބާއްވަނީ


ޕީޕީއެމްގެ މުހިންމު މުނާސަބަތުތަކެއް ފާހަގަކުރުމަށް ތައްޔާރުވުމަށްޓަކައި، "ތައްޔާރު"ގެ ނަމުގައި ޚާއްޞާ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނާއިބުރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ "ތައްޔާރު" ގެ ނަމުގައި ބާއްވާ ޖަލްސާއަކީ ޕީޕީއެމް ސަރުކާރަށް 4 އަހަރު ފުރުމާއި، އެޕާޓީގެ އަހަރީދުވަސް ފާހަގަކުރުންފަދަ މުހިންމު މުނާސަބަތުތަކަކަށް ތައްޔާރުވުމަށްޓަކައި ބާއްވާ ޖަލްސާއެއްކަމަށެވެ. އަދި މިޖަލްސާ މާދަމާރޭ ކާނިވަލް ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، ޕީޕީއެމާއި، ސަރުކާރަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މި ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެއްވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބުރައީސް އައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޕީޕީއެމުން ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރާތަކުގެ ބައި އިލެކްޝަނަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ރަސްމީކޮށް އިޢުލާނު ކުރުމާއެކު އެދާއިރާތަކަށް ޕީޕީއެމުން ވާދަކުރާ ކެނޑިޑޭޓުން އިޢުލާނުކުރާނެކަމަށް ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމުން މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވާނެކަމަށް އެޕާޓީން މައުލޫމާތުދެއެވެ.