ވިޔަފާރި

"ކޮމްޕެނީ ސެކްރެޓަރީ ޓްރެއިނިންގ" ޕްރޮގްރާމް ފަށައިފި


ކުންފުނީގެ ސެކްރެޓްރީންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ "ކޮމްޕެނީ ސެކެޓްރީ ޓްރެއިނިންގ" ޕްރޮގްރާމް ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރާ ކުންފުނިތަކުގެ ސެކްރެޓްރީންނަށް ދިވެހިން އައްޔަނުކުރުމަށް ދެހާސް ސާދަވަނަ އަހަރު ހަމަޖައްސަވާފައިވާކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ކުންފުނިތަކުން އަމަލުކުރުމުގަ ވީހާވެސް ބޮޑަކަށް ހޭލުންތެރިކަން ކުންފުނީގެ ތެރޭގައި އިތުރުކުރުންކަމަށް ވިސާމް ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ ކުންފުނިތަކުގެ ސެކެޓްރީންގެ ދައުރު ރާއްޖޭގައި މާބޮޑަށް ފާހަގަނުކުރިނަމަވެސް، ކުންފުންޏެއްގެ ފެށުން އަދި ކުންފުންޏެއް ހިންގުމުގައި ސެކްރެޓަރީން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިއްމު ދައުރެއްކަމަށެވެ.

"ހިއްސާދާރުންނާ މެނޭޖިންގ ޑިރެކްޓަރާ އަދި ހަމަ އެއާއެކު ޑިރެކްޓަރުންގެ ބޯޑުގެ ހިންގުމުގެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކުންފުނީގެ ސެކްރެޓަރީގެ ދައުރެއް އެބައޮވޭ. އަޅުގަނޑު ދަންނަވާނީ ކުންފުނިތަކުގެ ލެވެލްގައި އޮޅުން ނުފިލާ މި އޮންނަ އެއްޗަކީ ކުންފުނިތަކުގެ ހިސާބުތައް ފާސްކުރުމާއި ހިސާބުތަކާއި ގުޅިގެން އަމަލުކުރަން ޖެހޭގޮތް. އަސްލު ހަޤީޤަތުގައި ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އެކި އިދާރާތަކަށް ހުށަހަޅަންޖެހޭ ލިއެކިއުންތައް، އޭގެތެރޭގައި އަހަރީ ރިޕޯޓްތަކާއި އަހަރީ ހިސާބުތައް ހިމެނޭގޮތައް މި ޤަވާއިދުން ފައިލްކުރުމުގެ މަސްއޫލިއްޔަތު މެނޭޖިންގ ޑިރެކްޓަރުގެ ކިބައިގައި އޮތްކަމުގައި ވިޔަސް ދުވަހުން ދުވަހަށް ކަންތައްތައް ނިންމަން ކުންފުނީގެ ސެކްރެޓަރީވެސް މިކަމުގައި މުހިއްމު ދައުރެއް އަދާކުރަންޖެހޭ" ވިސާމް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15083223319889.jpg|ކޮމްޕެނީ ސެކްރެޓަރީ ޓްރެއިނިންގ ޕްރޮގްރާމްގައި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިސާމް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

"ކޮމްޕެނީ ސެކްރެޓްރީ ޓްރެއިނިންގ" ޕްރޮގްރާމަކީ ދެދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ތިރީސް ފަސް ފަރާތަކުން ބައިވެރިވެއެވެ. ސީއެމްޑީއޭއިން މައުލޫމާތުދޭ ގޮތުގައި ކުންފުނިތަކުގެ ސެކްރެޓަރީން ތަމްރީނުކުރުމުގެ މައިގަނޑު އެއް ބޭނުމަކީ، ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާއި އެއްގޮތަށް ކުންފުނިތަކުގެ އޮނިގަނޑު ބައްޓަންކޮށް ޢަމަލުކުރުމުގައި ކުންފުނީގެ ސެކްރެޓަރީގެ ދައުރާއި މަސްއޫލިއްޔަތުގެ މުހިއްމުކަން އޮޅުންފިލުވައި ދިނުމާއި، ކުންފުނީގެ ސެކްރެޓަރީން ހުނަރުވެރިކޮށް، ޒިންމާދާރުކުރުވައި، މަސައްކަތްތަކަށް އަހުލުވެރިކުރުވައި، ކުންފުނިތައް ވީހާވެސް ހާމަކަންބޮޑުކޮށް ހިންގުމަށް މަގުފަހިކުރުވުމެވެ. 

މި ޕްރޮގްރާމްގައި ކުންފުންޏާބޭހޭ ޤާނޫނާއި، ކުންފުނިތަކުގެ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ދިރާސާކުރުން އަދި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމާގުޅޭ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.