ހުޅުމާލެ ސިޓީ އަނދިރިވާ މައްސަލަ ހައްލުކޮށް ސިޓީ އިތުރަށް ދިއްލުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ދެ ޕްލޭނެއްގެ ތެރެއިން ކުރަމުންނެވެ. އެގޮތުން ޝޯޓް ޓާމް ޕްލޭންގެ ދަށުން ކުރިން ނުވަދިހަ ޑިގްރީއަށް އަލިކަންހުރި މަގު ބައްތިތަކުން ސަތޭކަ ސާޅިސް ޑިގްރީއަށް އަލިވާނޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
މީގެ އިތުރުން ލޯންގް ޓާމް ޕްލޭންގެ ތެރެއިން ފަންސާސް މީޓަރުގެ ދުރުމިނުގައި ހުރި މަގު ބައްތިތަކުގެ ދޭތެރެއަށް އަލުން ކޭބަލް އަޅައި އިތުރު ލައިޓްޕޯސްޓް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ސިޓީގެ މަގު ބައްތިތައް ރަނގަޅުކުރުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ފެށި ހިސާބުން މަގުތަކުގައި ހަރުކޮށްފައިހުރި މަގު ބައްތިތައް ހަރުކޮށްފައިހުރީ އާދަޔާ ޚިލާފު ދުރުމިނެއްގައިކަމަށެވެ. އެގޮތުން މަގުތަކުގެ އަލިގަދަ ކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ.
ސައިމަން ވިދާޅުވީ ތަރައްޤީވެފައިވާ އެހެން ޤައުމުތަކުގެ ސިޓީތަކުގައި މަގު ބައްތިތައް ހަރުކޮށްފައި ހުންނަނީ ފަންސަވީސް މީޓަރާއި ތިރީސް މީޓަރާއި ދެމެދުގައި ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އާންމު ގޮތެއްގައި އެންމެ ގިނައިން ލައިޓް ޕޯސްޓްތައް ހަރުކޮށްފައި ހުންނަނީ ފަންސަވީސް މީޓަރުގެ ދުރުމިނެއްގައިކަން ސައިމަންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
ސައިމަން ވިދާޅުވީ ހުޅުމާލޭ މަގުތަކުގެ ބައްތިތައް ހަރުކުރުމުގެ ލޯންގްޓާމް ޕްލޭންގެ ތެރެއިން މިހާރަށްވުރެ އަލިތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. ހުޅުމާލޭ މަގުތަކުގެ ބައްތިތައް އަނދާފައި ހުރުމުން އެކަން ރިޕޯޓްކުރުމަށް އެޗްޑީސީން ވަނީ ހޮޓްލައިން ނަމްބަރެއްވެސް އާންމުކޮށްފައެވެ. އަދި އެފަދަ ކަމެއް ރިޕޯޓްކުރާތާ ލަސްވެގެން އެއްގަޑިއިރު ތެރޭގައި އެކަން ހައްލުކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ހުޅުމާލޭ މަގު ބައްތި ހަރުކުރުމުގެ އިތުރުން އެޗްޑީސީން އަންނަނީ ފުލުހުންނާ ގުޅިގެން ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރު ކުރުމުގެ މަޝަރޫއެއް ފަށާ އެމަސައްކަތް ކުރަމުންނެވެ.