ޚަބަރު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ، ޔޫ.އޭ.އީގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީ ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.