ޚަބަރު

އޮޑިޓް އޮފީހާއި ޕީއެސްއެމްއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފަންނީ އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގެ ދަށުން އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތައް ވަކިފަރާތަކަށް ނުޖެހި ޢާންމުކުރުމާބެހޭ ފަންނީ އެހީތެރިކަން އޮޓިޓަރ ޖެނެރަލްގެ އޮފީހުން ޕީ.އެސް.އެމްގެ މުވައްޒަފުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބާއްވާ ސެމިނާތަކާއި، ވޯކްޝޮޕްތަކުގެ މީޑިއާ ކަވަރޭޖް ހެދުމާއި، ޚާއްޞަ ގޮތެއްގައި ދައުލަތުގެ މުއައްސަސާތަކައް އޮޑިޓް ކުރުމަށްފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓްތައް ޢާންމުނަށް ފަހުމްވާފަދަ ގޮތަކަށް، ވަކިފަރާތަކަށް ބުރަނުވެ ގެނެސްދިނުމާގުޅޭ ފަންނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް، އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތުއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ މުހިންމު ޤައުމީ މަސްޢޫލިއްޔަތެއް އަދާކުރާ ދެ މުއައްސަސާކަމުން، މިއެއްބަސްވުމާއެކު ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކުން އެމަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. 

img:http://s4.psmnews.mv/images/660x400/15083152341997.jpg|އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޙަލީލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި ފައިނޭޝަލް ލީޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕީ.އެސް.އެމުން އިސްކަންދޭކަމަށެވެ. އެގޮތުން ޕީ.އެސް.އެމްގެ އެކި މީޑީއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ދައުލަތުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ރައްޔިތުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕީ.އެސް.އެމުން ނެގި އިސްނެގުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. ޕީ.އެސް.އެމާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން އޮޑިޓް ރިޕޯޓްތަކުގެ މައުލޫމާތު ގެނެސްދިނުމާގުޅޭ ފަންނީ އެހީތެރިކަން ދިނުމުގެ އިތުރުން، ޕީ.އެސް.އެމްގެ ގަވަރނަންސް ހަރުދަނާކުރުމާއި، ކުންފުނީގެ މާލީ ކަންކަން ހަރުދަނާކުރުމާގުޅޭ ފަންނީ އެހީވެސް ދޭނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑަޓަރ ޖެނެރަލްގެ އޮފީހާއި ޕީ.އެސް.އެމާ ދެމެދު ޤާއިމުކުރި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އެސްބަސްވުމަކީ ރައްޔިތުންނަށް ސައްޙަ މައުލޫމާތު ގެނެސްދިނުމަށްޓަކައި މުހިންމު އެއްބަސްވުމެއްކަމަށް ދެ ފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ.