ޚަބަރު

ރައީސް ޔާމީނާއި، ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ބައިނަލްއަޤުވާމީ ވިޔަފާރި ކުންފުންޏެއްކަމަށްވާ ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ޔޫ.އޭ.އީ ގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަސައްކަތްތަކެއް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލްކުރެއްވުމުގައި ދިވެހިރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުކޮށްލެއްވުމުގައި، ދިވެހިރާއްޖެއަށް ފައިދާހުރި އުފެއްދުންތެރި ވިޔަފާރީގެ ފުރުސަތުތަކާއި ވިޔަފާރީގެ ރޮނގުން އީޖާދީ ފުރުޞަތުތަކެއް ކައިރި މުސްޠަޤްބަލެއްގައި ލިބިގެންދާނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ރާއްޖޭގެ ތަރައްގީއާއި ގުޅުންހުރި އެކި ދާއިރާތަކުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.