ވިޔަފާރި

އެސްއެމްއީ އިންޑަސްޓްރިއަލް ޕާކާއެކު ޒުވާނުންނަށް އިތުރު ފުރުޞަތު


ޓެކްނޮލޮޖީއަށް ޒުވާނުން އަހުލުވެރިކޮށް، މި ދާއިރާގައި ވިޔަފާރި ކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމަށް ހުޅުމާލޭގައި ތަރައްޤީކުރާ އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގައި އެކަމަށް ޙާއްސަ ފެސިލިޓީސްތަށް ޤާއިމްކުރާނެކަމަށް ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން ލިމިޑެޓު، ބީސީސީއިން ބުނެފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ބިންގާ އެޅި އެސްއެމްއީ އިންޑަސްޓްރިއަލް ޕާކު ތަރައްޤީ ކުރަނީ ސަތޭކަ ވިއްސަށްވުރެ ގިނަ ކުދިވިޔަފާރިތަކަށް އެއްފަހަރާ މަސައްކަތް ކުރެވޭ ގޮތަށް، ފަސްފެކްޓްރީ ހިމަނައިގެންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން ލިމިޑެޓު، ބީސީސީގެ ޗެއަރމަން ސޯލިހް ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެން ތަރައްޤީކުރާ އިންޑަސްޓްރިއަލް ޕާރކްގެ ސަބަބުން އަލަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މި އިންޑަސްޓްރިއަލް ޕާކުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިތަން ހުޅުވަން ބީސީސީން ދަނީ މަސައްކަތްކުރަމުންނެވެ. ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން ލިމިޑެޓު، ބީސީސީގެ ބޯޑް މެމްބަރ އަލީ ނާޝިދު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ވިޔަފާރިތަށް ފަށާ އެފަދަ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުކުރުމަށް އިންޑަސްޓްރިއަލް ޕާކުގައި އެކަމަށް ޙާއްސަ އިންތިޒާމްތަކެއް ޤާއިމްކުރައްވާނެ ކަމަށެވެ.

ހުޅުމާލެ އިންޑަސްޓިރިއަލް ސަރަހަށްދުގައި ތަރައްގީ ކުރާ އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގައި 5 ބާވަތެއްގެ ޕްރޮޑަކްޓް އުފެއްދުމުގެ ފުރުޞަތު ހުޅުވަން ނިންމާފައިވާއިރު އޭގެ ތެރޭގައި ސޮފްޓް ޓޯއިވެސް ހިމެނެއެވެ. އަދި މި ޕާކުގައި އަލަށް ވިޔަފާރިއަށް ވަންނަ މީހުންނަށް އޮފީސް ޖާގަ ދޫކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުން ހުރި މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.