ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރަނީ


މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އެންމެ ބޮޑު އިސްކަމެއްދޭނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އާ އިންވެސްޓްމަންޓްތައް ގެނައުމަށްކަމަށް އިކޮނިމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ދެހާސް ސާދަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭން ބޭރުގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ. މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްއާ ބެހޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ދުބާއީގައި ބާއްވާ މި ފޯރަމްގައި އެޤައުމުގެ ވަޒީރުންނާ ވިޔަފާރިވެރިންގެ އިތުރުން އެހެންޤައުމުތަކުގެ ވިޔަފާރިވެރިންވެސް ބައިވެރިވާނެކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާއި އިންވެސްޓަރުންނަށް އޮންނަ ޔަޤީންކަމާބެހޭ މަޢުލޫމާތު ޚިއްޞާ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެކުރިން ބޭއްވި ތިން ފޯރަމްވެސް ވަރަށް ކާމިޔާބުކަމަށާއި މިފޯރަމްތަކުގެ ތެރެއިން ހުޅުވިގެންދިޔަ އިންވެސްޓްމަންޓްތައް މިހާރުވެސް ރާއްޖޭގައި ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޑިސެމްބަރުމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ.  

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. އޭގެފަހުން ޗައިނާގެ ވެރިރަށް ބެއިޖިންގައި މި ފޯރަމް ބޭއްވުމަށްފަހު މިދިޔަ އަހަރު މިފޯރަމް ބާއްވާފައި ވަނީ އިންޑިއާ ވެރިރަށް ނިއުދިއްލީގައެވެ.