ޚަބަރު

ކުވެއިތަށް ވަޑައިގަތުމުގެ ދައުވަތު މަސީހަށް ދެއްވައިފި


ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދު ކުވެއިތަށް ވަޑައިގަތުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫޤް އަލް ޤަނީމް ދަޢުވަތު ދެއްވައިފިއެވެ.

އަބްދުﷲ މަސީހަށް މި ދައުވަތު ދެއްވާފައިވަނީ މިހާރު ކުރިޔަށްދާ އައިޕީޔޫ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކުވައިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ބޭއްވި ބައްދަލުވުމުގައެވެ. މަސީހު ވަނީ މި ދައުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

އަބްދުﷲ މަސިހާ ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫޤް އަލް ޤަނީމް ބޭއްވި މި ބައްދަލުވުމުގައި ދެގައުމުގެ ޒަމާންވީ ގުޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދައިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވިއެވެ. އަދި އިސްލާމީ ގައުމުތަކުގެ ޕާލިމަންޓްތަކުގެ ގުޅުން ވަރުގަދަކޮށް، އައިޕީޔޫގައި އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ އެ ބައްދަލުވުމުގައި ކުވެއިތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަރްޒޫޤް އަލް ޤަނީމްވެސް ރާއްޖެ ވަޑައިގަތުމަށް މަޖިލިސް ރައީސް މަސީހު ދަޢުވަތު ދެއްވި ކަމަށާއި އެ ދަޢުވަތު އެމަނިކުފާނު ޤަބޫލުފުޅުކުރެއްވި ކަމަށް ވިދާޅުވިއެވެ.

އައިޕީޔޫ ބައްދަލުވުމުގައި ބައިވެރިވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިންއާއި މިސްރު އަދި އޮމާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނާ ބައްދަލުކުރައްވާފައެވެ.