ޚަބަރު

ރައީސް ޔާމީން، ބުރުޖް އަލް ޚަލީފާއަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަބަލުން ފާޠިމަތު އިބްރާޙިމް މި މަހުގެ 16 އިން 19 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ދުބާއީއަށް ވަޑައިގެން ބުރްޖް އަލް ޚަލީފާ ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބުރްޖް ޚަލީފާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ހެޑް އޮފް ޕްރޮޓޮކޯލްއެވެ. ބުރްޖް ޚަލީފާއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިޢްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ބުރްޖް ޚަލީފާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 2010 ވަނަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.