ޚަބަރު

ހަޤީޤަތާއި ޚިލާފް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ގުޅޭގޮތުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަން ސަރވިސަސްއިން ދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނުން މިކަން ހާމަކޮށްފައި މިވަނީ އެތަނުގެ ބެލުމުގެ ދަށުގެ ތިބި ބައެއް ޤައިދީނާއި މެދު އިހްމާލުވަމުންދާކަމަށް ބުނެ ބައެއް ފަރާތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެ ވާހަކަތަކަށް ރައްދުދީ ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޖަލުތަކުގައި ތިބޭ ގައިދީންގެ ބޭސްފަރުވާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ އެ އިދާރާއިން އެއްވެސް ގައިދީއަކަށް ވަކި ފަރުވާއެއް ދިނުމަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން ޑޮކްޓަރަށް ދައްކާނީ އެ ގައިދީއަކު އެދުމުންކަމަށާއި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރާ މުޢާމަލާތް ކުރާނީ ގައިދީކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އަދި ވަކި ބާވަތެއްގެ އިންޖެކްޝަނެއް ނުވަތަ ބޭހެއް ގައިދީއަކަށް ދިނުމަށް އެއްވެސް ޑޮކްޓަރަކަށް ކަރެކްޝަނުން އަންގާފައި ނުވާނެކަމަށާއި އެފަދަ ހުރިހާ ކަމެއް ކުރާނީ ގައިދީން ނުވަތަ ބަންދުގައި ހުންނަ މީހާ ބަލާ ޑޮކްޓަރުކަމަށްވެސް ކަރެކްޝަންގެ ބަޔާނުގައިވެއެވެ.

ސިއްހީ މަރުކަޒުތަކުގެ އުޞޫލު އޮންނަ ގޮތުން ބައެއް ކަހަލަ ސިއްހީ ފަރުވާއަކީ ބަލިމީހާގެ އާއިލާގެ ހުއްދަ ހޯދައިގެން ދޭ ފަރުވާތައްކަމަށާއި އެފަދަ ހާލަތްތަކުގައި އާއިލާއިން އެކަމަކަށް އިންކާރު ކުރާނަމަ އެ ފަރުވާއެއް ނުދޭނެކަންވެސް ކަރެކްޝަނުން ބުނެއެވެ. ޖަލުގައި ތިބޭ ގައިދީން އެންމެ ފުރަތަމަ ދައްކާނީ ކަރެކްޝަނުގެ މެޑިކަލް އޮފިސަރަށްކަމަށާއި އަދި ބަންދުކުރެވިފައިވާ މީހާއަށް އިތުރު ފަރުވާ ދިނުމަށް މެޑިކަލް އޮފިސަރ އެދުމުން ހަމަޖެހިފައިވާ އުސޫލުތަކުން އެކަން ކުރިއަށް ގެންދާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބަޔާނުގައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ގުޅޭގޮތުން ހަޤީގަތާއި ހިލާފު ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.