ޚަބަރު

ރައީސްގެ ދެކަނބަލުން ޔޫ.އޭ.އީއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން ޔޫއޭއީއަށް ވަޑައިގަންވަނީ އެގައުމުގެ ރައީސް ހަލީފާ ބިން ޒައިދް އަލް ނަހްޔާނުގެ ދައުވަތަކަށް ކަމަށެވެ. މުއާޒުގެ ޓުވީޓްގައި ވިދާޅުވެފައިވަނީ  އެ ދަތުރުފުޅުގައި ރާއްޖެއާ ޔޫއޭއީ އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ވިސާ ދޫކުރުމާ ބެހޭ އެއްބަސްވުމަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެއްބަސްވުމެއް ހިމެނޭނެ ކަމަށްވެސް މުޢާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެ ދަތުރުފުޅުގައި ރައީސް ޔާމީންގެ ދެކަނބަލުންނާއެކު ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި އެންވަޔަރަމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގަންނަވައެވެ. 

ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުމަކީ ދެ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައިވާ އެކުވެރިކަމުގެ ގުޅުމެކެވެ. ދިވެހި ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ އަންނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު 40 އަހަރު ފުރޭނެއެވެ.