ޚަބަރު

ޒަކާތް ދައްކާ މީހުންގެ ނިސްބަތް އިތުރުވެއްޖެ


މުދަލު ޒަކާތާއި ފިތުރު ޒަކާތް ދައްކާ މީހުންގެ ނިސްބަތް ވޭތުވެ ދިޔަ އަހަރުތަކުގައި އިތުރުވެފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ޒަކާތާއިބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. މުދަލު ޒަކާތް މިއަދު ބަހަން ފަށާފައިވާއިރު، މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ އަހަރު ތަކުގައި ޒަކާތްދައްކާ މީހުންގެ އަދަދު ނިސްބަތުން އިތުރު ވުމަކީ ފާހަގަކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ގިނަ މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށްފަހު އިދާރީ ގޮތުން ގެނައި ބަދަލުތަކުގެ ތެރެއިން ފަޤީރުން ކަނޑައެޅުމުގައި މިންގަނޑެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ވޭތުވެވިޔަ ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގައި ހާއްސަ ކެމްޕެއިންނެއް ހިންގާ، ފަގީރުންގެ ދަފްތަރެއް އެކުލަވާލާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތުގެ ތެރެއިން ފަގީރުންގެ ނިސްބަތް ދަށްވެފައިވާކަމަށް ފާހަގަކުރެއްވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒަކާތުގެ މަސައްކަތް ހަރުދަނާ ކުރުމަށް ގެނައި ބައެއް ބަދަލުތަކަށް ބައްލަވާލައްވަމުން މިނިސްޓަރ ވަނީ ޒަކާތުގެ ފައިސާ ބަލައިގަތުން މީރާއާ ހަވާލުކުރުމާއި، ޒަކާތުގެ މަސައްކަތް ހަރުދަނާކުރުމަށް އުސޫލެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ޒަކާތު ފަންޑުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމާއި މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން އަހަރަކު ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް 33 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން އެގާރަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކާމިޔާބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދު މުދަލުގެ ޒަކާތް ބަހަން ފަށާފައިވާއިރު މިއަހަރު ކޮންމެ ފަޤީރަކަށް 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓްރީން ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމަޔަށް މުދަލު ޒަކާތް ބަހަމުންދާނެކަމަށެވެ. މިއަހަރު ފަގީރުންގެ ގޮތުގައި 16229 މީހުން ލިސްޓް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން 3138 މީހުންނާއި، އަތޮޅުތަކުން ރަޖިސްޓްރީ ކޮށްފައިވާ 13091 މީހުންނެވެ.