ޚަބަރު

މަސްތުވާތަކެއްޗާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި


ޕޯސްޓުގެ ޒަރިއްޔާއިން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެޗާއެކު ޢުމުރުން 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. 

ޕޯސްޓް މެދުވެރިކޮށް ނެދަލޭންޑްސް އިން ރާއްޖެއަށް އައި ޕާރުސަލެއް، އޭގެ ވެރިފަރާތުގެ ޙާޒިރުގައި ކެނޑިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން، އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީއަށް ޕޮސިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. 

މީގެތެރޭގައި ހިމެނެނީ ތަފާތު 5 ޑިސައިނަކަށް ހުރި 503.5 ގުޅައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 244.60 ގުރާމުހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. ކަސްޓަމްސްއިން އަތުލައިގަތް ބާވަތުގެ މަސްތުވާތަކެއްޗަކީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ބެލެވޭ އިރު ،މިމައްސަލާގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ޕާރުސަލުގެ ވެރިފަރާތްކަމަށް ބެލެވޭ މީހާ، މިމައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިހާރު ހަވާލުކުރެވިފައިވާކަމަށް ކަސްޓަމސްއިން މައުލޫމާތުދެއެވެ. 

ނަމަވެސް މި ތަކެތީ އަސްލު ވެރިފަރާތްކަން ސިދާ ވިދާޅުވާން ނޭނގޭ ކަމަށާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސފައިވަނީ ޕާރްސްލާ ހަވާލުވާން ދިޔަ މީހާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެެވެ.