ޚަބަރު

އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ޢަދަދު މަދުވެއްޖެ


2016 ވަނަ އަހަރާ އަޅައިބަލާއިރު، މިއަހަރުގެ 3 ވަނަ ކުއާޓަރގައި އޭސީސީއަށް ހުށަހެޅި މައްސަލައިގެ ޢަދަދު މަދުވެއްޖެއެވެ.

އޭސީސީން ޢާންމުކޮށްފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ތިންމަސްދުވަހުގެ ތެރޭގައި އެކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ ކޮރަޕްޝަނާ ގުޅުންހުރި 167 މައްސަލައެކެވެ.

މިއީ މިދިޔަ އަހަރުގެ 3 ވަނަ ތިންމަސްދުވަހު އެކޮމިޝަނަށް ހުށައެޅުނު މައްސަލަތަކާ އަޅައި ބަލާއިރު 92 މައްސަލަ މަދު ޢަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޭސީސީއަށް ހުށައެޅިފައިވަނީ 259 މައްސަލައެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓަރގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 28 މައްސަލައެއް އެކޮމިޝަންގެ މެންޑޭޓަށް ނުފެތޭތީއާއި، މައުލޫމާތު ފުރިހަމަ ނުވުމާގުޅިގެން ނުބަލައި ދޫކޮށްލާފައިވާއިރު، 11 މައްސަލައެއްވަނީ ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށް ފޮނުވާލާފައެވެ. އަދި 142 މައްސަލައެއްގެ ތަޙްޤީޤް ކުރިއަށްގެންދިއުމަށް އޭސީސީން ވަނީ ނިންމާފައެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އޭސީސީއަށް ޖުމްލަ 593 މައްސަލަ ހުށައެޅިފައިވާކަމަށް އޭސީސީން ހާމަކުރެއެވެ. އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް ގިނައިން ހުށައެޅެނީ ޕްރޮކިއުމެންޓާގުޅޭ މައްސަލަތަކެވެ. އެގޮތުން މިދިޔައަހަރު އޭސީސީއަށް ޖުމްލަ 958 މައްސަލަ ހުށައެޅިފައިވެއެވެ.