ކުޅިވަރު

ސައުތް ރީޖަނަލް ބެޑްމިންޓަން އެސޯސިއޭޝަން ޤާއިމްކުރަނީ


ސައުތް ރީޖަނަލް ބެޑްމިންޓަން އެސޯސިއޭޝަނެއް އައްޑޫ ސިޓީގެ ޞަރަހައްދުގައި ޤާއިމްކުރައްވާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ރައްޔިތުން ބެޑްމިންޓަނަށް ދޭ ޝައުޤުވެރިކަން ފާހަގަކޮށް، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރީޖަނަލް އެސޯސިއޭޝަނެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން ހަރަކާތްތެރިވެގެނަދާނެކަމަށާއި، އެގޮތުން ސައުތް ރީޖަނަލް ބެޑްމިންޓަން އެސޯސިއޭޝަންގެ ނަމުގައި އައްޑޫ ސިޓީ ސަރަހައްދުގައި ބެޑްމިންޓަން އެސޯސިއޭޝަން ޤާއިމުކުރެވިގެންދާނެކަމަށެވެ. އަދި މިހާރު ކުޅެމުންދާ އަތޮޅު ލީގު އައްޑޫގަ ބޭއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށާއި، އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް ފެންވަރުގެ ބެޑްމިންޓަން މުބާރާތްތަކާއި ވައިޑީޕީ ޕްރޮގްރާމްތަކެއް އައްޑޫގެ ސްކޫލްތަކުގައި ކުރިއަށްގެންދަވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ..

" ސައުތް އޭޝިޔަން ރީޖަނަލް ބެޑްމިންޓަން އެސޯސިއޭޝަންގެ ނަމުގައި އިރާދަކުރެއްވިޔާ މިޞަރަހައްދުގައި ބެޑްމިންޓަން އެސޯސިއޭޝަނެއް ޤާއިމްވެގެންދާނެ. އަތޮޅު ލީގު އައްޑޫގައި ބޭއްވުމުގެ ޝައުޤުވެރިކަންވެސް ކައުންސިލުން ވަނީ ފާޅުކޮށްފަ. އެމަސައްކަތްވެސް ކުރެވޭނެ" އައްޑޫ ސިޓީގައި ހުންނަވާ މޫސަ ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ވިމެން އިން ބެޑްމިންޓަން އަދި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ޕެރެބެޑްމިންޓަންގެ ހަރަކާތްތައް މިއަހަރުގެ ތެރޭގައި ތައާރަފް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އަމާޒަކީ ކުރިމަގުގައި މި ސަރަހައްދުތަކުގައި ނޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ޤާއިމުކޮށް، އިންޓަރނޭޝަނަލް ފެންވަރުގެ އެކިއެކި މުބާރާތްތައް އައްޑޫސިޓީގައި ކުރިއަށްގެންދިއުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.