ކުޅިވަރު

އައްޑޫ ސިޓީގައި ބެޑްމިންޓަން ޓްރެއިނިންގ ސެންޓަރެއް ހަދަނީ


އައްޑޫ ސިޓީގައި ބެޑްމިންޓަން ޓްރެއިނިންގ ސެންޓަރެއް ހެދުމުގެ ވިސްނުން ނެރެ، އެކަމުގެ މަސައްކަތް ކުރާނެކަން ބެޑްމިންޓަން އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އައްޑޫގައި ނިމުނު އޭބީސީ އައްޑޫ ބެޑްމިންޓަން ޗެލެނެޖްގެ ތެރެއިން އެސޯސިއޭޝަންގެ ހަޒާންދާރު މުޙައްމަދު ސައީދު ބުނީ ވިސްނުމަކީ އައްޑޫ ސިޓީއަކީ ބެޑްމިންޓަންގެ ވަރުގަދަ ޓްރެއިނިންގ ސެންޓަރަކަށް ހެދުންކަމަށާއި، އޭގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފަށާނެކަމަށެވެ. އައްޑޫ ސިޓީއަކީ ބެޑްމިންޓަންގެ ފޯރި އޮތް ތަނެއްކަން ފާހަގަކުރަމުން އޭނާ ބުނީ އެފޯރީގެ ތެރެއިން ރަނގަޅު ކުރިއެރުންތަކެއް ހޯދޭނެކަމަށެވެ.

" އައްޑޫ ސިޓީގައި ރަނގަޅު ބެޑްމިންޓަން ޓްރެއިނިންގ ސެންޓަރެއް ހެދުމަށް އަޅުގަނޑުމެން މިހާރު މިދަނީ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީގައި ބެޑްމިންޓަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ކުރަމުން. އިރާދަކުރެއްވިޔާ އަންނަ މަހުން ފެށިގެން އެސޯސިއޭޝަނުން އެލަވަންސްދޭ ކޯޗެއް އައްޑޫ ސިޓީގައި ހަރަކާތްތެރިވާނެ " އޭނާ ބުންޏެވެ. 

އައްޑޫ ސިޓީއަކީ ބެޑްމިންޓަންގެ ފޯރިގަދަ ގިނަ މުބާރާތްތަކެއް ކުރިއަށްގެންދާ ސިޓީއެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންވެސް އަންނަނީ އެމުބާރާތްތަކުގައި ވާދަކުރަމުންނެވެ.