ޚަބަރު

ވަރލްޑް ބޭންކްގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެއްޖެ


އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ކުރިއަށްދާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއި ވަރލްޑް ބޭންކްގެ އަހަރީ އާއްމު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ، ފިނޭންސް މިނިސްޓަރު  އަޙުމަދު މުނައްވަރެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ފަރާތުން ވަރލްޑް ބޭންކަށް ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު އަޙުމަދު ޒުހޫރާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު ނަސީރާއި އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސައިން އާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ބަޖެޓް އެގްޒެކްޓިވް އަޙުމަދު ސަރުވާޝް އާދަމް ހިމެނިވަޑައިގަންނަވައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވަރލްޑް ބޭންކްގެ ކޮންމެ އަހަރެއްގެ އަހަރީ އާއްމު ބައްދަލުވުމުގައި ޤައުމުތަކުގެ މަރުކަޒީ ބޭންކްތަކާއި، ފިނޭންސް މިނިސްޓަރުންނާއި، ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެއެވެ. މި ބައްދަލުވުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ނައްތާލުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމެވެ. އަދި ދުނިޔެއިން ފަގީރުކަން ނައްތާލުމާއި ޤައުމުތަކުގެ އިޤްތިޞާދަށް އަންނަ އެކިއެކި ލޮޅުންތަކުން ސަލާމަތްވުމާއިބެހޭ ގޮތުންވެސް މަޝްވަރާކުރާނެއެވެ.

މި ބައްދަލުވުންތަކުގެ ހަވާސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވަރލްޑް ބޭންކްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު މުނައްވަރު ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ނައިބުރައީސް ވެންސައި ޒަންގ އާއިވެސް ބައްދަލުކުރައްވާފައެވެ. މިމަހުގެ ނުވަވަނަ ދުވަހު ފެށި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވަރލްޑް ބޭންކްގެ އަހަރީ އާއްމު ބައްދަލުވުން ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.