ދަމާސްއާއި ދަމަނަވެށި ގުޅިގެން ދަމާސްގެ މުއައްޒަފުންނަށް ޚާއްސަ ކޮއްގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ފަށައިފިއެވެ.
 
މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަމަނަވެށީގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެވާފައިވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް އަޒީޒް އިބްރާހިމްއެވެ.
 
ދަމާސްއިން ބުނީ މިފަދަ ޕްރޮގްރާމެއްގެ މައިގަނޑު މަޤްޞަދަކީ މަސައްކަތުގައި އުޅޭ މުއައްޒަފުންނަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާބަޔަކަށްވާއިރު، މުއައްޒަފުންނަކީ ސިއްޙަތު ރަނގަޅު ބަޔަކަށް ވުމަކީ މުހިންމު ކަމަކަށް ވާތީކަމަށެވެ.
 
އަންނަ އަހަރުވެސް މިފަދަ ހެލްތު ސްކްރީނިން ޕްރިގްރާމުތައް އެކުންފުނީގެ މުވައްޒަފުންނަށާއި އާއިލާގެ މެންބަރުންނަށް ހުޅުވާލެވިގެން ބާއްވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
 
ދަމަނަވެށީގެ މެޑިކަލް އޮފިސަރ ޑރ.ޢަބްދުލް އަޒީޒް ހަމީދު ވިދާޅުވީ، މި ހެލްތު ސްކްރީނިންގެ ދަށުން ދަމާސް މުއައްޒަފުންގެ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަނެގަތުމަށް ގިނަ ކަންތައްތަކެއް ބެލިގެންދާނެކަމަށެވެ. އަދި އެފަރާތެއްގެ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަނެ ސިއްޙީ އިރުޝާދު އެފަރާތްކަށް ދެވިގެން ދާނެކަމަށްވެސް ޑރ.ޢަބްދުލް އަޒީޒް ހަމީދު ވިދާޅުވިއެވެ.
 
މިފަދަ ހެލްތު ސްކްރީނިން ޕްރޮގްރާމްތައް ދަމަނަވެއްޓާއި ގުޅިގެން އެކި ކުންފުނިތަކުން ހިންގަމުންދާކަން ދަމަނަވެށިން ފާހަގަކުރެއެވެ.