ޚަބަރު

ގަން އެއާޕޯޓުގައި އެމަރޖެންސީ އެކްސަސައިޒެއް ބާއްވައިފި


ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ފުލް ސްކޭލް އިމަރޖަންސީ އެކްސަސައިޒްގައި ކަމާއި ގުޅުންހުރި ގިނަ މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސް، އެމް.އެން.ޑީ.އެފް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް، އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ.

މި އެކްސަސައިޒް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެއަރޕޯޓްގައި އެމަޖެންސީއެއް ނުވަތަ ނުރައްކާތެރި ހަދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެއަރޕޯޓާއި، ކަމާއިބެހޭ މުއައްސަސާތައް އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި ރައްކާތެރިކަން ދެމެހެއްޓޭނެކަން ކަށަވަރުކުރުމެވެ. އަދި މިފަދަ ކަމެއް ރަނގަޅުކުރުމަށްޓަކައި އިތުރަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަތުންކަމަށް އައްޑޫ އިންޓަރނޭޝަލް އެއާޕޯޓް ކޮމްޕެނީން ބުނެއެވެ.

މި އެކްސަސައިޒްގެ ތެރޭގައިވަނީ މަތިންދާ ބޯޓެއް ވެއްޓިއްޖެނަމަ ނުވަތަ އެމަޖެންސީކޮށް ޖައްސާ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތައް ދައްކާލާފައެވެ. އެގޮތުން ފަޔަރ އެންޑް ރެސްކިއު ޓީމްތައް ހަރަކާތްތެރިވާނެގޮތާއި މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރަންޖެހޭ ގޮތްތައްވެސް ދައްކާލާފައިވެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖެނެރަލް މެނޭޖރ އިބްތިޝާމާ އަޙްމަދް ސަޢީދް ވިދާޅުވީ މި އެކްސަސައިޒްގެ ސަބަބުން ނުރައްކާތެރި ހާލަތުގައި އަމަލުކުރަންވީ ގޮތްތައް ކަމާއި ގުޅޭ ދާއިރާތަކަށް އެގިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެކްސަސައިޒް ޕްރޮގްރާމްތައް ބާއްވާނެކަމަށްވެސް އިބްތިޝާމާ ވިދާޅުވިއެވެ.

މިއެކްސަސައިޒްގެ ތެރެއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެށިގެން ގަން އެއަރޕޯޓައި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުންތައް ހަރަކާތްތެރިވަމުންގެންދިޔައެވެ. މިފަދަ އެކްސަސައިޒްއެއް އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެންމެ ފަހުން ބާއްވާފައިވަނީ މީގެ ދިހަ އަހަރުކުރިންނެވެ. އެކި މުއައްސަސާތަކުން ބައިވެރިވި މި އެކްސަސައިޒްގައި މުޅިއެކު 50 ބައިވެރިން ބައިވެރިވެފައިވެއެވެ.