ޚަބަރު

ފާރިސް ގޭބަންދަށް ބަދަލުކޮށްފި


ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލަށް ލާފައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މައުމޫން ކަރެކްޝަނަލް ސާވިސްއިން މިއަދު ގޭބަންދަށް ބަދަލުކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ، ފާރިސް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި އޭނާ ބަންދުކޮށްފައި ހުރިތަން މަރާމާތު ކުރަމުންދާތީކަމަށެވެ. އަދި އެތަން މަރާމާތުކޮށް ނިމުމުން ފާރިސް ޖަލަށް ބަދަލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާރިސްގެ މައްޗަށް ދެ ދަޢުވާއެއް ދަޢުލަތުން ވަނީ އުފުލާފައެވެ. އެއީ ޝަޚުސު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ދިނުމުގެ ކުށުގެދަޢުވާއެވެ. ޝަޚްސު އޮޅުވާލުމުގެ ދަޢުވާ އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ ބޭނުންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ފާރިސް ބާއްވާފައިވާތީއެވެ. ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ފާރިސް ބޭނުންވާ ގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ.