ޚަބަރު

"ދައުލަތައް އާމްދަނީ ހޯދައިދޭ ކުންފުންޏަކަށް ޕީއެސްއެމް ހަދާނަން"


ޕަބްލިކް ސަރވިސް މީޑިއާ(ޕީއެސްއެމް)ގެ އަމާޒަކީ ދައުލަތަށް ޢާމްދަނީ ހޯދައިދޭ ކުންފުންޏަކަށް ވުންކަމަށާއި، މިކަން ޙާސިލްކުރުމަށްޓަކައި ޕީ.އެސް.އެމްގެ ވިޔަފާރި އިތުރު ދާއިރާތަކަށް ފުޅާކުރާނެކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ، މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައިގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވީ، ޕީ.އެސް.އެމް އުފެދި މިވީ 2 އަހަރާ ބައިގެތެރޭގައި މި ކުންފުނީގެ ޚިދުމަތްތައް އެތައް ގުނައެއް ފުޅާކޮށްފައިވަނީ ކުންފުނީގެ މުވައްޒަގުންގެ ޢަދަދު ބޮޑު ތަކުން އިތުރު ނުކޮށްކަމަށެވެ.

ޕީ.އެސް.އެމް އުފެދުނު ފަހުން އިތުރު 7 ޓީވީ ޗެނަލާއި، 1 ރޭޑިއޯ ޗެނަލްގެ އިތުރުން އޮންލައިން އަދި ނިއުމީޑިއާގެ ޚިދުމަތާއި، ޕްރިންޓް މީޑިއާގެ ޚިދުމަތް ދޭން ފަށާފައިވާކަން އިކްރާމް ފާހަގަކުރެއްވިއެވެ. މި ހުރިހާ ޚިދުމަތްތަކާއެކު ހަމައެކަނި މައުލޫމާތު ފަތުރާ ބައެއްގެ ގޮތުގައި ޕީ.އެސް.އެމް އޮތުމުގެ ބަދަލުގައި މުއާސަލާތުގެ ދާއިރާއަށާއި، އިތުރު ދާއިރާތަކަށް ޕީ.އެސް.އެމްގެ ވިޔަފާރީ ފުޅާ ކުރާނެކަމަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ޕީ.އެސް.އެމަކީ ދައުލަތަށް ޢާމްދަނީ ހޯދައިދޭ މީޑިއާ ކުންފުންޏަކަށް ވުމަކީ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީ.އެސް.އެމުން ކޭބަލް ޓީވީގެ ޚިދުމަތް ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ ޕީ.އެސް.އެމުން މި ޚިދުމަތް ދޭން ފަށާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، ކުންފުނީގެ ގަވަރނިންގ ބޯޑާއި، އިސް މެނޭޖްމެންޓްގެ އިސްނެގުމުގެ މަތިން ކުރި މަސައްކަތުން ޕީ.އެސް.އެމްގެ ކުޑައިގެ ދަށުގައި މިހާރު 8 ޓީވީ ޗެނަލާއި، 3 ރޭޑިއޯ ޗެނަލް ގެންދަނީ ހިންގަމުންނެވެ. އަދި ޕީ.އެސް.އެމްގެ ހަފްތާ މަޖައްލާ މާލްދީބާއި، ޑެއިލީ ނިއުސް ލެޓަރ، މާލްދީބު ޑެއިލީގެ ޚިދުމަތް ގެންދަނީ ދެމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޕީ.އެސް.އެމްގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް އަވަސް އަދި ފަސޭހައިން ލިބޭނެ އިންތިޒާމް ޕަބްލިކް ސަރވިސް މީޑިއާއިން ވަނީ ހަމަޖައްސާފައެވެ.