ޚަބަރު

މާލޭ ޖަލުގެ އޮފިސަރަކަށް އިންޒާރުދިން މީހުން ހޯދަނީ


ޤަވާއިދާ ޚިލާފަށް މާލޭ ޖަލުގެ ރިސެޕްޝަން އޭރިއާއަށް ވަދެ އިންޒާރުދިން މައްސަލައިގައި ބަޔަކު ހޯދުމަށް ފުލުހުން ވީޑިއޯ ޢާންމުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވީޑިއޯއެއް ޢާންމުކޮށްފައެވެ. 

މިވީޑީއޯއިން ފެންނަނީ ޒުވާނުންތަކެއް މާލޭ ޖަލުގެ ވެއިޓިންގ އޭރިއާގައި ތިބި މަންޒަރެވެ. 10 މީހުން މި ވީޑީއޯއިން ފެންނައިރު، މި މީހުންގެ މައުލޫމާތު ލިބިފައިވާނަމަ އެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

މިއީ ކޮން މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބައެއްކަން ފުލުހުން ޢާންމުކޮށްފައި ނުވީނަމަވެސް ޕީ.އެސް.އެމަށް ކަށަވަރުވެފައިވާ ގޮތުގައި މި 10 މީހުން ހޯދަމުންދަނީ މާލޭ ޖަލަށް ޤަވާއިދާ ޚިލާފަށްވަދެ، އިންޒާރުދިން މައްސަލައިގައެވެ.