ޚަބަރު

އައްޑޫ ސިޓީއަށް 2 ޖަނަރޭޓަރ ގެންދިއުމުގެ މަސައްކަތް ފަށައިފި


އައްޑޫސިޓީއަށް މިހާރު ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ފެނަކައިން ކުރަމުންދާ މަސައްކަތުގެ ދަށުން  2 ޖެނެޓޭޓަރު ލޯޑްކޮށް، އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

އައްޑޫސިޓީގެ ބައެއް ރަށްރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ މައްސަލަ ޙައްލުކުރުމަށް ފެނަކައިގެން އައްޑޫއަށް ގެންދިއުމަށް މަސައްކަތްކުރަމުންދަނީ 1 މެގަވޮޓާއި 1.2 މެގަވޮޓް ގެ ދެ ޖެނެރޭޓަރެވެ. މީގެ އިތުރުން ފުއައްމުލަކަށް ފޮނުވާ 1.2 މެގަވޮޓް ގެ ޖެނެރޭޓަރާއި، ލ. ފޮނަދޫއަށް ފޮނުވާ 1 މެގަވޮޓްގެ ޖެނެރޭޓަރުވެސް ބޯޓަށް އަރުވާ ދަތުރުފަށާފައިވާކަމަށް ފެނަކައިން ބުނެއެވެ.

ކުރިއަށްއޮތް 48 ގަޑިއިރުތެރޭގައި އައްޑޫ، ފުއައްމުލައް އަދި ލ.ފޮނަދޫއަށް މި ޖެނެރޭޓަރުތައް ގެންދެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އައްޑޫސިޓީގައި މަރާމާތުކުރާ 4 ޖެނެރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރު މިހާރުވަނީ މަރާމާތުކޮށް ޚިދުމަތްދޭން ފަށާފައެވެ. ނަމަވެސް ބާކީ ހުރި 3 ޖެނެރޭޓަރު މަރާމާތު ނުކުރެވިގެން އުޅެނީ އެ ޖެނެރޭޓަރުތައް މަރާމާތުކުރަން ބޭނުންވާ ސްޕެއަރ ޕާރޓްސް ރާއްޖެއިން ނުލިބުމުގެ ސަބަބުން ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.