ޚަބަރު

ކުންފުނިތަކުގެ އިސްވެރިން ބައްދަލުކޮށްފި


ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޗީފް އެގްޒެކެޓިވް އޮފިސަރުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ފުރަތަމަ ފަހަރަށް ބައްދަލުކޮށްފިއެވެ.

ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ބައްދަލުވުމަކީ ދައުލަތުގެ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ކުންފުނިތަކުގެ މެދުގައި ތަޖުރިބާ ބަދަލުކުރުމާއި އަދި ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމާއި ދައުލަތުގެ ހުރިހާ ކުންފުންޏެއް ގުޅިގެން މަސައްކަތްތަކެއް ފެށުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ. 

މިބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ހުރިހާ ކުންފުނިތަކެއް ގުޅިގެން ފަށާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ހެދުމުގެގޮތުން ވާހަކަދައްކާފައެވެ.

މިގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ ސިއްޙީ ދުޅަހެޔޮކަމަށް މަސައްކަތްތަކެއް ކުރުމާއި ބޯހިޔާވަހިކަމުގެ ޙާލަތު ދެނެގަތުމާއި އެހެން ޢިނާޔަތްތަކާ ބެހޭގޮތުން ކުރިމަގުގައި ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމާބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ކުންފުނިތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނިވިގޮތަކަށް ބަދަހިކުރުމަށްވެސް ޚިޔާލު ފާޅުކުރިއެވެ. މިގޮތުން ދާދި އަވަހަށް "ކޮމްޕެނީ އޮލިމްޕިކްސް" ގެ ނަމުގައި ހުރިހާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ކުޅިވަރު ޙަރަކާތެއް ބޭއްވުމަށް ނިންމައި ދާދި އަވަހަށް މިޙަރަކާތް ބޭއްވުމަށް ހުރިހާ ކުންފުންޏަކުން އެއްބަސްވިއެވެ.