ކުޅިވަރު

"ވައި 18 ކުޅިވަރު ފިއެސްޓާއަށް ބޮޑު ތަރުޚީބެއް އަންނަނީ ލިބެމުން"


ވައި އެއިޓީން ކުޅިވަރު ފިއެސްޓާއަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު ހަރަކާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާއިރު، ގިނަބަޔަކު އަންނަނީ މުބާރާތުގެ މައުލޫމާތު ހޯދައި ބައިވެރިވަމުންނެވެ. މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރު މުޙައްމަދު ބައްސާމް އާދަމް ވިދާޅުވީ ބައެއް ރަށްތަކުން ދެ ޓީމްވެސް ބައިވެރިވެފައިވާކަމަށައި، މުބާރާތުގެ ފޯރި ރަށްތަކުގައި ވަރަށް ގަދަވެފައިވާކަމަށެވެ. 

ޓީމުތައް ބައިވެރިކުރަން ގިނަ ރަށްތަކުން މިހާރުވެސް ހޮޓްލައިނަށް ގުޅައި މައުލޫމާތު ސާފުކުރަމުންދާކަމަށާއި، ހީކުރިވަރަށްވުރެ މާ ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ބައްސާމް ވިދާޅުވީ އެންމެ ބޮޑު ތަރުޚީބެއް ލިބެމުންދަނީ ފުޓްސަލްއަށްކަމަށާއި، އަންހެން ބޭފުޅުންނަށް ބާއްވާ ވޮލީ މުބާރާތުގައިވެސް ޓީމްތައް ބައިވެރިވަމުން އަންނަކަމަށެވެ.

"ބޮޑު ތަރުޚީބެއް ލިބެމުން އަންނަނީ، އަދިވެސް ހަމަ ގިނަ ބަޔަކު ގުޅަމުން އެބަދޭ، ވަރަށް ފޯރިގަދަކޮށްދަނީ" ބައްސާމް ފާހަގަކުރިއެވެ.