ޚަބަރު

މަޖިލީހުގެ ޖަލްސާތައް ދެއްކުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި


ގަވާއިދުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެއްޖެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވި ސަރކިއުލަރއެއްގައި ބުނެފައިވަނީ މަޖިލީހުން މީޑިއާތަކަށް ދޫކުރާ ވީޑިއޯ ފީޑް ފިޔަވައި، ސޯޝަލް މީޑިއާގައި ދައުރުވާ މަޖިލީހުގެ ވީޑިއޯތައް ބައެއް މީޑިއާތަކުން ބްރޯޑްކާސްޓްކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ މަންޒަރުތަކުގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަޚްލާގުގެ މިންގަޑުތަކާ ޚިލާފު ކަންކަމާއި ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަ ވީޑިއޯތައްވެސް ހިމެނޭކަން ފާހަގަވެފައިވާކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

ނަމަވެސް މިއީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދާއި އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފު ކޮންޓެންޓްތަކެއްކަމަށް ވުމާއެކު، މަޖިލީހުގެ ތެރޭގައި ހިނގާ މިފަދަ ކަންކަން ހިމެނޭ ގޮތުން ފަތުރާ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެކޮމިޝަނުގެ ސަރކިއުލަރގައިވެއެވެ.

އެހެންކަމުން މިފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.

އަދި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅުއަޅާނޭކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަރކިއުލަރގައިވެއެވެ.