ޚަބަރު

ޕްރޮސިކިއުޓް ކުރުމުގެ އިޖުރާޢަތުގެ ޤަވާއިދަށް ޢަމަލުކުރަން ފެށުން


ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މައްސަލައެއް ތަޙްޤީޤު ކުރުމަށް ޕީޖީ އަމުރުކޮށްފިނަމަ އެ މައްސަލައެއްގެ ތަހުޤީޤް ހިނގަމުންދާ މިންވަރު ކޮންމެ 15 ދުވަހަކުން ޕީޖީއާ ޙިއްސާ ކުރަންޖެހޭ ގޮތަށް ޕްރޮސިކިއުޓް ކުރުމުގެ އިޖުރާޢަތުގެ ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.

އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިޢުކޮށް ޢަމަލުކުރަން ފެށި ޤަވާއިދަކީ 53 މާއްދާގެ މައްޗަށް އެކުލެވޭ ޤަވާއިދެކެވެ. މީގެކުރިންވެސް މިފަދަ ޤަވާއިދެއް ޕީޖީ އޮފީހުން އެކުލަވާލާފައިވީ ނަމަވެސް އެ ޤަވާއިދު މިހާރުވަނީ އަލަށް އެކުލަވާލި ޕްރޮސިކިއުޓް ކުރުމުގެ އިޖުރާޢަތުގެ ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު އުވާލާފައެވެ.

އަލަށް ޢަމަލުކުރަން ފެށި ޤަވާއިދަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޤަވާއިދެކެވެ. މި ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތަހްޤީޤްކުރާ އިދާރާއަކަށް ހުށަހަޅާ މައްސަލައެއް އެ އިދާރާއަކުން ބަލައިނުގެންފިނަމަ އެ މައްސަލަ ބަލައިނުގަން ކަމަށް ބުނެ ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ނުވަތަ އެކަށީގެންވާ ގޮތެއްގައި ތަހުޤީޤު ނުކުރާ ކަމަށް އެ ފަރާތަކަށް ޤަބޫލު ކުރެވިއްޖެނަމަ ޝަކުވާ ހުށަހެޅޭނެއެވެ. އަދި ޝަކުވާ ހުށަހެޅުމަށް އޮންނަ ފޯމް ފުރުމަށްފަހު ޕީޖީ އޮފީހަށް އެ ޝަކުވާ ހުށަހެޅުމުން އެ މައްސަލައަކީ ތަޙްޤީޤުކުރަންޖެހޭ ފަދަ މައްސަލައެއް ކަމަށް ޕީޖީ އޮފީހަށް ފެނިއްޖެނަމަ މައްސަލަ ތަޙްޤީޤު ކުރުމަށް އެ މައްސަލައެއް ހުށަހެޅި އިދާރާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަމުރު ކުރަންވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެ މައްސަލައެއް ތަޙްޤީޤު ކުރަން އިންވެސްޓިގޭޝަން އޮފިސަރެއް ކަނޑައަޅައި، 7 ދުވަހުގެ ތެރޭގައި ތަޙްޤީޤު އިދާރާއިން ޕީޖީއަށް އަންގަން ޖެހޭނެ ކަމަށްވެސް އަލަށް އެކުލަވާލި ޕްރޮސިކިއުޓް ކުރުމުގެ އިޖްރާއަތުގެ ޤަވާއިދުގައި ބުނެފައިވެއެވެ.

ޖިނާއީ އިޖުރާއަތު ޤާނޫނުގެ 211ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބުނެފައިވަނީ ތަންތަނާއި މުދާ ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދާކަމަށް ބެލެވޭ ތަކެތި ހިފެހެއްޓުމުގެ ބާރު ޤާނޫނުގައިވާ ގޮތުގެމަތިން ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވާ ކަމަށެވެ. ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި އެއްޗެއް ހިފަހައްޓައިފިނަމަ، އެ އެއްޗެއް ލަސްނުކޮށް ސީލްކުރަންވާނެ ކަމަށާއި ހިފެހެއްޓޭ އެއްޗަކީ، ސީލްނުކުރެވޭ ބާވަތުގެ އެއްޗެއްކަމުގައި ވާނަމަ، އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭނެ ގޮތަށް ރައްކާތެރިކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ގާނޫނެކެވެ.