ސިއްހަތު

އާސަންދަ ކުންފުނީގެ ފުރަތަމަ ރީޖަނަލް އޮފީސް ހދ.ކުޅުދުއްފުށީގައި


އާސަންދަ ކުންފުނީގެ ފުރަތަމަ ރީޖަނަލް އޮފީސް ހދ.ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އާސަންދަ ކުންފުނީގެ އޮފީސް ހުޅުވައިދެއްވީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އުސައިދުއެވެ.

އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި މިފަދަ އޮފީހެއް ހުޅުވުމަކީ ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ޙާއްސަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް ހެޔޮ ފާލެއްކަމަށެވެ. އަދި މި އޮފީހުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ކުރިއަށްވުރެ އަވަހަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދަ ނޮދަން ރީޖަނަލް އޮފީހުގެ ނަމުގައި ޤާއިމްކުރި މި އޮފީސް ހުޅުވުމާގުޅިގެން އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްއުސްތާޛް ޙަސަން އަލީ ވިދާޅުވީ، މި އޮފީހުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް ކުޅުދުއްފުށީ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލަން ޖެހޭ ބަލިމީހުންނާއި ބަލި މީހުންގެ ޢާއިލާތަކަށް އާސަންދައިގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ދެން ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުޅުވި އާސަންދަ އޮފީހުންކަމަށެވެ.

މި އޮފީހުން އާސަންދައިގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމާއި ރިފަރަލް ޑޮކިއުމެންޓްސް ބަލައިގަތުމާއި ކޭސްސިޓީތަކުގެ ޖަވާބު ދިނުމާއި މީގެ އިތުރުން މާލޭގެ ފްރަންޓް އޮފީހުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މި އޮފީހުން ފޯރުކޮށްދެމުންދާނެކަމަށް އާސަންދައިން ބުނެއެވެ.