ދުނިޔެ

މިޔަންމާ އަސްކަރިއްޔާގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައިފި


މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފިއެވެ.

މިޔަންމާގެ ރަކާން ސްޓޭޓްގައި އެގައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހުސްވި މަހުުގެ 25 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ އޮޕަރޭޝަނާ މެދު މަޝްވަރާތައް ކުރުމަށް ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވިދާޅުވީ، މި އޮޕަރޭޝަންގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް އިތުރަށް ގޯސްވަމުންދާ ކަމަށާ މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު 500 ހާހަށް އަރާ ކަމަށެވެ. މިއީ މިހާރު ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު އުފެދެމުން އަންނަ ރެފިއުޖީންގެ މައްސަލައަށް ވެފައި ކަމަށާ ހަޤީޤަތަކީ މިކަން ހުއްޓުވުމަށް މިހާރުން މިހާރަށް ޢަމަލީ ފިޔަވަޅުތައް އަޅަން ޖެހޭ ކަން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.  މިގޮތުން، ރެފިއުޖީން ހިމާޔަތްކޮށް، އެމީހުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދީ، އިތުރު ހަމަނުޖެހުންތައް ހިނގުން ހުއްޓުވާ އަދި ހަމަނުޖެހުންތަކުގެ އަސްލު ދެނެގަނެ މިކަމަށް ދާއިމީ ހައްލެއް ހޯދުން ވެސް މުހިއްމު ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގުޓޭރެސް ވިދާޅުވިއެވެ. 

ގުޓޭރެސްގެ ވާހަކައިގައި ވަނީ ރަކާން ސްޓޭޓްގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އެގައުމުގައި މަސައްކަތް ކުރާ އިންސާނީ އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ފުރުސަތު ދިނުމަށް ވެސް މިޔަންމާގެ ސަރުކާރަށް ގޮވާލައްވާފައެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރަކާން ސްޓޭޓްގައި އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރޮއިޓަރސްއިން ހާމަކުރެއެވެ. މި އޮޕަރޭޝަން އަކީ އެސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް މިޔަންމާގެ ރަކާން ސްޓޭޓްއިން ސަލާމަތްވެގެން ބަންގްދަލޭޝްއަށް ހިޖުރަކޮށްފައިވާ އެތަށް ބަޔަކު ބުނެފައިވަނީ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންދާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގަމުންދަނީ އެއްވެސް ބެލުމެއް ނެތި ކަމަށާ މި އަނިޔާތަކުގައި އަންހެނުންނާ ކުޑަކުދިން އަދި މުސްކުޅިން ވެސް މަރަމުންދާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މިޔަންމާއިން ރޮހިންނާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ނުގެންނަނީސް އެގައުމަށް ހަތިޔާރު ފޯރުކޮށް ދިނުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ. މިއީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ގޮވާލި ފުރަތަމަ ފަހަރު. ހެއިލީ ވިދާޅުވީ، މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުގެ ތާޢިދާއެކު އެގައުމުގެ ވަކި ނަސްލެއް ނައްތާލުމަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ކުށްވެރިކޮށް އެކަންކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ މެދު ޖެހިލުންވެގެން ނުވާނެ ކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އިންސާނީ ހައްޤުތަކާ އަސާސީ މިނިވަން ކަމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށާ ރަކާންގައި މިފަދަ ޖަރީމާތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވި އަސްކަރިއްޔާގެ ކޮމާންޑަރުން މަޤާމުން ވަކިކުރުމަށް އެމެރިކާއިން ގޮވާލާ ކަމަށް ވެސް ހެއިލީ ވިދާޅުވިއެވެ. މީގެ އިތުރުން، މިޔަންމާގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ހުއްޓުމަކަށް ނުގެންނަނީސް އެގައުމުގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް ވެސް އެމެރިކާގެ ސަފީރު ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވިއެވެ.