ތަރައްްޤީ

އިތުރު 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގެ ރަށްތަކުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 5 ރަށެއްގެ މަސައްކަތް ނިންމައި އިތުރު 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފިއެވެ.

އެމްއާރުޑީސީން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުގެ ނިޔަލަށް ގިނަ ރަށްތަކެއްގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި

ފުވައްމުލައް ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ ރިންގް ރޯޑުގެ މަސައްކަތާއި ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރު ނިންމޭނެކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.

އެމްއާރުޑީސީ ކުރަމުން ގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މަމްދޫހް ވިދާޅުވީ ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމައި ހައުސިންގ މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުޑީސީން ވަނީ އެކުންފުނިން ރާއްޖޭގެ ފަސްދޮޅަސް ހަތް ރަށެއްގައި ހަދަމުންދާ ފުޓްސަލް ދަނޑުތަކާއި ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތާބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

ފުޓްސަލް ދަނޑުތަކުގެ ތެރެއިން 37 ރަށެއްގެ ސިވިލް ވޯކްސްގެ މަސައްކަތް ނިންމައި 5 ރަށެއްގެ ސިވިލް ވޯކްސްގެ މަސައްކަތް ކުރަމުން އަންނައިރު، ތިނަދޫ އިސްލާމީ މަރުކަރުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއާރުޑީސީން ބުނެއެވެ.