ހުރިހާ ދިވެހިންނަކީ އެއް އުއްމީދުތަކަކާއެކު އެއް އަމާޒަކަށް މަސައްކަތްކުރާ، އެއް ހުވަފެންތަކެއް ދެކޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އެއަތޮޅު ވިލިނގިލީ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި، ހުރިހާ ދިވެހިން ވެސް ދެކެންވީ ހުވަފެނަކީ ދިވެހިރާއްޖެއަކީ ތަނަވަސް، އީމާންތެރި، އަޒުމް ވަރުގަދަ، ދިވެހި ސިފަތަކެއް ހުންނަ، ބޭރުގެ ނުފޫޒުތައް ނާންނަވަރުގެ ވަރުގަދަ ޤައުމަކަށް ވެގެންދިޔުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙިމްވެސް ގއ. ވިލިގިލީގައި މިރޭ ބޭއްވެވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފިކުރު އިދިކޮޅުވިނަމަވެސް މުޅި ޤައުމުގެ މަސްލަހަތައްޓަކައި އެންމެންނަށް އެކުގައި މަސައްކަތް ކުރެވެންޖެހޭނެކަމަށާއި، އެމަނިކުފާނު ހުންނެވީ ރާއްޖޭގެ ލާބަޔާއި މަންފާއަށްޓަކައި އިދިކޮޅު ފިކުރުތަކުގެ ބޭފުޅުންނާއެކު ވެސް މަސައްކަތްކުރައްވަން ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު މިކަން ވާނީ ބަހާއި އަމަލުން ސާބިތުކޮށްދެއްވާފައިކަމަށާއި، އެކި ފަހަރުމަތިން އިދިކޮޅު ފަރާތްތަކަށް އެއް މޭޒުދޮށަށް އައިސް މަޝްވަރާކުރެއްވުމަށް ގޮވާލައްވާފައިވާނެކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވަމުން އަންނަ އަގުހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދިވެހިންގެ ތެރެއިން ގެއްލިގެން ގޮސްފައިވާ އެތަކެއް ދިވެހި އާދަކާދަތަކާއި ބީވެގެން ގޮސްފައިވާ އިސްލާމީ ރިވެތި އުސޫލުތަކުގެ ޒިކުރާ އާ ކުރައްވާފައެވެ. އަދި، އިސްލާމީ އުސޫލުތަކުގެ މަތީގައި މިހާރު ތިބެވޭ ތިބުން މާތް ﷲގެ މިންވަރުފުޅާއެކު ދަމަހައްޓަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.