ޚަބަރު

ޤާސިމްގެ ބޭސް ފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ޤާސިމް އިބްރާހީމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރުކޮށްދީފިއެވެ. 

ކަރެކްޝަނަލް އިންފޮމޭޝަން އޮފިސަރު އަޙްމަދު ލުގްމާން ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު ފަސް ދުވަހަށް މިއަދު އިތުރުކޮށްދީފައިވާ ކަމަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ޤާސިމް ފުރާވަޑައިގަތީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޤާސިމް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެފައި ވަނީ މިއަދުއެވެ. އަދި އެ މުއްދަތު ހަމަވުމުން ޤާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން ވަނީ ޤާސިމް އަށް އަންގަވާފައެވެ. އަދި އެ އެންގުމާ އެއްގޮތަށް ޤާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް އިއްޔެ އެއާޕޯޓަށް ދިއުމުން ސިއްހީ ހާތަލު ހުރިގޮތުން ފްލައިޓަށް ނޭރުވޭނެ ކަމަށް ސިންގަޕޫރު އެއާލައިނުން އެންގި ކަމަށް ގާސިމްގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. 

ޤާސިމްގެ ބޭސްފަރުވާގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްދިނުމުން ގާސިމް ދެން ރާއްޖެ ވަޑައިގަންނަވަން ޖެހޭނީ އޮކްޓޫބަރު ދެވަނަ ދުވަހުއެވެ. ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ މައްސަލަ ސާބިތުވުމުން އެމަނިކުފާނަށްވަނީ ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.