ޚަބަރު

ފަލަސްޠީނުގެ ސުލްޙަ ޤާއިމްކުރުމުގެ މަސައްކަތް ހަރުދަނާކުރަންޖެހޭ


ފަލަސްޠީނުގައި ދާއިމީ ސުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުއައްސަސާތަކުން ކުރަމުންގެންދާ ސުލްޙައިގެ މަސައްކަތް ހަރުދަނާކޮށް އެކަންކަމަށް އިސްކަންދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އިންސާނީ ޙައްޤުތަކާބެހޭ އ.ދ. ގެ 36 ވަނަ ބައްދަލުވުމުގައި ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ބަޔާނެއްގައެވެ.

ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދުގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ބައިނަލްއަޤްވާމީ މުއައްސަސާތަކުން ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ހާލާ ހަމީދު ވަނީ އިޒްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އ.ދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާއި ޚިލާފަށް އިޒްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި ހުއްޓުމެއްނެތި ހިންގަމުންދާ ޖަރީމަތައް ފެނިގެން ދިޔުމަކީ ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމުގައި ޑރ.ހާލާ ހަމީދު ފާހަގަރެއްވިއެވެ. އަދި ދިވެހިރާއްޖެއިން އުންމީދު ކުރަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގަމުންދާ މިފަދަ އިންސާނީ ކަރާމާތަށް ގެއްލުންވާފަދަ ޖަރީމާތައް ހުއްޓުވުން ކަމަށް ދާއިމީ މަންދޫބުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.