ޚަބަރު

ފާރިސް ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް- ކްރިމިނަލް ކޯޓު


ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލަން ނުޖެހޭކަމަށް ކުރިމިނަލްކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކޯޓުން މިގޮތަށް ނިންމާފައިވަނީ ފާރިސް މައުމޫނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުދިނުމުގައި ކުށުގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފާރިސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އިޖްރާއީ ނުކުތާއެއް ނެގުމެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ފާރިސް މައުމޫން ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތްކަމަށެވެ. އަދި ފާރިސް ބަންދުގައި ބަހައްޓާފައި ހުރީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށެވެ.

ދައުލަތުން  ފާރިސްއާއި  ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ  އޭޕްރިލްމަހުގެ ދިހަވަނަދުވަހު ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ބޭނުންވާ ސާޅީސް ދެ މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލީހުގެ މެމްބަރަކަށް ފާރިސް ރިޝްވަތު ދީފައިވާކަމަށެވެ.

މި ދައުވާއަށް ފާރިސް މައުމޫން އިންކާރުކުރުމުން ދައުލަތުން ވަނީ އެނާއާއި ދެކޮޅަށް ހެކި ހުށައަޅާފައެވެ. މިގޮތުން ސިއްރު ހެކީގެ ގޮތުގައި ފާރިސް ރިސްވަތު ހުށައެޅި މެމްބަރާއި ފާރިސް ދިރިއުޅޭގެ ބަލާ ފާސްކުރި ތިން ފުލުހަކު ހިމެނެއެވެ. މީގެއިތުރުން ރިޝްވަތު މައްސަލާގައި ހައްޔަރުކުރި އަހުމަދު ޝާފިއުގެ ފޯންކޯލް ރިކޯރޑިންގްއާއި ބައެއް މެސެޖްތަކާއި ފޮޓޯތަކެއްވެސް ހިމެނެއެވެ.