ޚަބަރު

ދުނިޔެއަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ވާންޖެހޭ!


ދުނިޔެއަކީ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ވާންޖެހޭނެކަމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާލުވެފައިވަނީ، އދގެ ޖެނެރަލް އެސެމްބްލީގެ 72ވަނަ ބައްދަލުވުމުގައި ތަޤްރީރް ކުރައްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އެއްވެސް މީހަކަށް، އެކީ ފިރިހެނަކަސް އަންހެނަކަސް އަދި ކުޑަކުއްޖަކަސް އެއްވެސް އަނިޔާއެއް ލިބިގެން ނުވާނެކަމަށެވެ. އެހެންނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދަކަމަށާ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި މައިން ދިރިއުޅެމުންދަނީ އެމީހުންގެ ދަރިންގެ މުސްތަޤްބަލަށް ވާނެގޮތެއްވެސް ނޭގިކަމަށެވެ. އަދި ކުޑަކުދިން ބޮޑުވަމުންދަނީ އެމީހުންގެ މުސްތަޤްބަލް ފުނޑުފުނޑުވެގެންދާ މަންޒަރުން ކުރިމަތިން ފެންނަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރޮހިންގޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ، ރޮހިންގޔާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވަންޖެހޭ ކަމަށާ، އެކަމަށް ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށްވެސް ގެންނަން ޖެހޭކަމަށެވެ.

ވަކި ބަޔަކާމެދު ބިރުވެރިކަން އުފެއްދުމަކީ ފަސޭހަ ކަމެއް ކަމަށާ، އެގޮތުން އެބަޔަކު ނިސްބަތްވާ ދީން، ނަސްލު، އަދި ދަރިފަސްކޮޅާއި ނިސްބަތްވާ ޤައުމާއި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ފެތުރުމަކީ އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދޭ ކަންތައްތައްކަމަށް މިނިސްޓަރ ޑރ.އާސިމް ވިދާޅުވިއެވެ. އަދި މާޒިގައި އިންސާނިއްޔަތާ ޚިލާފް މިފަދަ އަމަލުތައް ފެނިގެން ގޮސްފައިވާކަން ފާހަގަކުރައް މިނސިްޓަރ ވިދާޅުވީ އިތުރު ޤަތުލު އާންމުތަކެއް ހިންގާތަން ބަލަން ބޭނުން ނުވާ ކަމަށާ، އެފަދަ ކަމަކަށް އިތުރު ފުރުޞަތެއްވެސް ދެވިގެން ނުވާނެކަމަށެވެ.

މިނިސްޓަރގެ ތަޤްރީރުގައި ވަނީ ފަލަސްތީނާއި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުމާއި އަނިޔާވެރި އެކި އަމަލުތައް ހުއްޓުވައި ސުލްހަ ޤާއިމްކުރުމަށް ގޮވާލާފައެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބެންޖެހޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެޤައުމުގެ ތުއްތު ކުދިން ބޮޑުވަމުންދަނީ އަނިޔާވެރިކަމާއި، މާލީ ދަތިތަކާއި ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގައި އެއްވެސް އުންމީދެއް ނެތިކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ނިމުމެއް އަންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ރެފިއުޖީންނަށް ވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޑރ.އާސިމް ވިދާޅުވީ، ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި، ކެމިކަލް ހަތިޔާރު ބޭނުންކުރުމާއި އެނޫންވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަން ފެންނަން އެބަހުރި ކަމަށާ މިކަންކަމަށް ނިމުމެއް ގެންނަން ޖެހޭކަމަށެވެ.

އެކި ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޤައުމު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ ރެފިއުޖީންގެ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިކަމަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ޖެހިފައިވާކަމަށެވެ. ރުޅިވެރިކަމާއި އިސްލާމް ދީނާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމާއި ރެފިއުޖީންނާމެދު ތަފާތު ކުރުންތައް ގެންގުޅުންފަދަ ކަންތައްތައް ފެންނަމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މިފަދަ ކަންތައްތަކުގެ ސަބަބުން އަނިޔާވެރިކަމާއި ރުޅިވެރިކަން އުފެދެމުންދާކަމަށެވެ. އެހެންކަމުން މިފަދަ ކަންތައްތައް ހުއްޓުވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.