ޚަބަރު

ސަޢޫދީ ރަސްގެފާނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަޚުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، ދެ ޤައުމުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ޤައުމުގެވެސް ތަރައްޤީއާ ކުރިއެރުމަށާ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށްއޮތް ތަނުގައިވެސް އިސްލާމީ ރިވެތި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން، މާތް ﷲގެ ރަޙުމަތްފުޅާއެކު އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށާ ދުނިޔޭގެ ސުލްހަވެރިކަމާ ރައްކާތެރިކަމާ ހަމަޖެހުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތަށްވެސް ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަސްގެފާނު ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ޒަޢާމަތުގައި، 1932 ވަނަ އަހަރުގައި އުފެދުނު ޒަމާނީ ރަސްކަން އުފެދިގެން އައި ދުވަހެވެ.