ޚަބަރު

18 ސްކޫލެއްގެ ދަރިވަރުން ހެލްތް ސްކްރީން ކޮށްފި


އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން މި އަހަރުގެ މިހާތަނަށް 18 ސްކޫލެއްގެ ދަރިވަރުން ހެލްތް ސްކްރީން ކޮށްފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން މި އަހަރުގެ އެންމެ ފަހު ސްކޫލެއްގެ ގޮތުގައި ހެލްތް ސްކްރީން ކޮށްފައިވަނީ އަހުމަދިއްޔާ ސްކޫލުގެ ގްރޭޑް އެކެއްގެ ދަރިވަރުންނެވެ. އަހުމަދިއްޔާ ސްކޫލުގައި ކުރިއަށްގެންދިޔަ ސްކްރީނިންގައި އެ ސްކޫލްގެ ފަސްދޮޅަސް ފަސް ދަރިވަރުން ހެލްތް ސްކްރީން ކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގެ ހުރިހާ ސްކޫލްތަކާއި ހުޅުމާލެ އާއި ވިލިމާލޭގެ ސްކޫލްތަކުގެ ދަރިވަރުން ހެލްތް ސްރީން ކުރެވިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް  އަށާރަ ސްކޫލެއްގެ 2236 ދަރިވަރުން ހެލްތްސްރީން ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ސްކޫލްތަކުގެ ގުރޭޑު އެކެއްގެ ދަރިވަރުންގެ ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިފެންސް މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތް ސްރީން ކުރުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އަހަރުގެ ދަރިވަރުންގެ ހެލްތް ސްރީން ރިޕޯރޓް ތައްޔާރުކުރުމުގެ މަސައްކަތް އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.