ޚަބަރު

ބަޑިބޭހުގެ ކުޅިވަރުތަކާއެކު އިސްލާމީ އަހަރުގެ ފެށުން ފާހަގަކޮށްފި


އިސްލާމީ އައު އަހަރު ފެށުން ބަޑިބޭހުގެ ކުޅިވަރުތަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކޮށްގެން އިސްލާމީ އައު އަހަރު ފެށުން ފާހަގަކުރުމަށްޓަކައި މިރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށްގެންގޮސްފައެވެ. މި ކުޅިވަރުތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ މީހުން ވަނީ އެސަރަޙައްދަށް ޖަމާވެފައެވެ. މިއީ އިސްލާމީ އައު އަހަރު ފެށުން މިހާ ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރުއެވެ.

ޕީ.އެސް.އެމުން އިންތިޒާމްކޮށްގެން ބޭއްވި ބަޑިބޭހުގެ ކުޅިވަރުތަކުގެ އިތުރުން، ކޮންމެ ހުކުރު ދުވަހަކު އިސްލާމިކް މިނިސްޓްރީއާއި ޕީ.އެސް.އެމް ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ ހަރަކާތްތައްވެސް މި ހަފްތާގައި ޚާއްޞަކޮށްފައިވަނީ އިސްލާމީ އައުއަހަރު ފުރުން ފާހަގަކުރުމަށެވެ.

އިސްލާމީ ކަލަންޑަރުން 1439 އަހަރު ގުނަން ފަށާއިރު، ދިވެހިރާއްޖެ 100 އިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމި އޮންނަތާ 800 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ދިވެހިރާއްޖޭގެ އިތުރުން، ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުގައިވެސް އިސްލާމި އައު އަހަރު ފެށުން ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތައް ހިންގާއެވެ.