ދިވެހި ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އާ ހިތްވަރަކާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ހިޖުރައިގެ އަގުހުރި ފިލާވަޅުތަކުން އަޅުގަނޑުމެން މުސްލިމުން އަބަދުމެ ޢިބްރަތް ލިބިގަންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި، އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މާތްﷲ، އެކަލާނގެ ރަސޫލާއާ މަތިކުރެއްވި އަމާނާތް އަދާކުރެއްވުމަށް ދެއްވި އިސްކަން ކަމަށާ މާތްވެގެންވާ އިސްލާމްދީން ފުރިހަމަ ކުރެއްވުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ ކަން އެމަނިކުފާނު ވިދާޅުވިއެވެ.
ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިއަދުވެސް އިސްލާމީ އުންމަތާ ކުރިމަތިވެފައި މިވަނީ، އިސްލާމްދީނަށް ނަފުރަތުކުރާ އިސްލާމްދީނާ ދެކޮޅު ޢަދުއްވުންގެ އަނިޔާވެރި ޢަމަލުތަކާއި ދުއްތުރާތަކާކަން އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިގޮތުން، މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމް އުޚުތުންނާއި އަޚުންނާއި އަދި ކުޑަކުދިންނާމެދު އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު އަދި ކުޑަކުދިންނާއި އެތައްބަޔަކު މަރަމުން ގެންދާއިރު މިކަމާމެދު އަޅާނުލައި، ބައިނަލްއަޤްވާމީ މުޖުތަމަޢު އޮތުމަކީ އަޅުގަނޑުމެން އެކަމާމެދު ވަރަށްބޮޑަށް ހިތާމަކޮށް، ކަންބޮޑުވާ މައްސަލައެއްކަމާ މި މައްސަލައަށް ބައިނަލްއަޤްވާމީ ގޮތުން މިއަދު ޙައްލެއް ހޯދައިދޭން އެބަޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މަތިވެރި ހިޖުރައިގެ ޢިބްރަތުން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ދިފާޢުގައި ކުރިޔަށް ދިއުމުގެ ރޫޙު އާކޮށް އާލާކުރެއްވުމަށް ދިވެހި ހުރިހާ އުޚުތުންނަށާއި އަޚުންނަށް މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.