ޚަބަރު

މަޖީދީ މަގު މަރާމާތުކުރުމުގެ މަސައްކަތް ނިމުމަކަށް!


މަޖީދީ މަގުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ މަގުގައި ފެންހިންދުމަށް ހަދާފައިވާ ކާނު ވަޅުގަނޑުތަކުގެ މަތިގަނޑުތައް މާލެ ގެނެސް ބަހައްޓަން ފަށައިފިއެވެ. 

މަޖީދީ މަގުގެ ކާނުތައް ރަނގަޅު ފެންވަރަކަށް ހަދާފައިވާނުވާ ކަމަށް ސިޓީ ކައުންސިލްގެ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާއިރު، ހައުސިން މިނިސްޓްރީން ވަނީ ކާނު ވަޅުގަނޑުތަކުގައި ބެހެއްޓުމަށް ދަނގަޑު މަތިތަކެއް ގެނެސްފައެވެ. އެއާއެކު އަންގާރަ ދުވަހުގެރޭ  ވަނީ އެމަގުގެ ރަސްފަންނު ސަރަޙައްދުން ފެށިގެން ޝާރިއު ވަރުދީއާ ހަމައަށް އަލަށް ގެނައި ކާނު މަތިތައް ބަހައްޓާފައެވެ. 

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ ވިދާޅުވީ އަލަށް ގެނައި ކާނު މަތިގަނޑުތަކަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މަތިގަނޑުތަކެއްކަމަށާއި މި މަތިގަނޑުތައް ހަދާފައިވަނީ ދުއްވާ އެއްޗެއްސާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް އުނދަގުލެއް ކުރިމަތި ނުވާނެފަދަ ގޮތަކަށް ކަމަށެވެ. 

އަންވަރު ވިދާޅުވީ މި މަތިގަނޑުތަކުގައި ހެދިފައިވާ ދޭތެރެތަކުން ކުނީގެ ގޮތުގައި ވަޅުގަނޑުތެރެއަށް، އެޅޭނީ ގަސްގަހުގެ ފަތާއި ސުޕާރީ ޕެކެޓް ފަދަ ކުދިކުދި ތަކެތި ކަމަށެވެ. އެހެންކަމުން ކުރިން ކާނުތަކަށް އެޅޭފަދަ ބޮޑެތި ކޮތަޅާއި ހަލާކުވެގެން ބައެއް ފަރާތްތަކުން މަގުމައްޗަށް އުކާލާ ބައެއް ޒާތުގެ ކުނިބުނި މިހާރު ބަހައްޓާ މަތިތަކުން އެތެރެއަށް ނުދާނެ ކަމަށް އަންވަރު ވިދާޅުވިއެވެ. 

އަންވަރު ވިދާޅުވީ އަލަށް ގެނައި މަތިގަނޑުތައް އެއްކޮށް އަތުރާ ނިމުމުން ކާނުގަނޑުތައް ސާފުކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން މަޖީދީ މަގުގެ ކާނު ވަޅުގަނޑުގެ މަތިގަނޑުގެ ގޮތުގައި ބަހައްޓާފައި ހުރީ ސިމެންތި ޝީޓްތަކެކެވެ. އެއަށްފަހު ބައެއް ސަރަހައްދުތަކުގައި ދަގަނޑު މަތިތަކެއް ބެހެއްޓުމަށްފަހު މަގުގެ މަސައްކަތް ކުރުމަށް އެތަކެތި ވަނީ ނަގާފައެވެ.