ވިޔަފާރި

އިޤްތިޞާދު ކުރިއަރަމުންދާގޮތާމެދު އުފާކުރަންޖެހޭ- މިނިސްޓަރ


ދެނުކު އޭޝިއާއަށް ބެލިޔަސް ނިސްބަތުން އެންމެ ކުރިއަރަމުން އަންނަ އިޤްތިޞާދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ކަމަށާއި އެކަމަށްޓަކައި ހުރިހާ ދިވެހިންވެސް އުފާކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ 3 ސަރަޙައްދެއްގައި ބަހުގެ ޚިދުމަތްދިނުމަށް އެމްޕީއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނައިރުވެސް ގިނަ ގޮންޖެހުންތަކާ ސަރުކާރުން ކުރިމަތިލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހުރިހާ ގޮންޖެހުންތަކާއެކުވެސް ރާއްޖެއިން އަންނަނީ އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދަމުން ކަމަށެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާއިން 3 އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުމާއި އިންފްލޭޝަން ރޭޓް އެކަށީގެންވާ މިންވަރަށް ހިފެހެއްޓިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ފަތުރުވެރިން ނައުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާއިރުވެސް، އެ ސިނާއަތްވެސް ކުރިއަރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެކި ކަންކޮޅުތަކުން ދުވާލަކަށް ދިހަވަރަކަށް ފްލައިޓުން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ އަދަދެއްގެ ފްލައިޓުތައް އެއްފަހަރާ ރާއްޖެ އަންނައިރު އެކަން މެނޭޖްކުރާނެ ގޮތަކާ ދޭތެރޭވެސް ސަރުކާރުން ވިސްނަމުން އަންނަ ކަމަށެވެ.

މިހަފްލާގައި މިނިސްޓަރު ވަނީ އެމްޕީއެލްއަކީ ކިތަންމެ ގިނަ ގޮންޖެހުންތަކާއެކުވެސް އަބަދުވެސް ކުރިއަށްދިއުމުގެ ރޫޙު ގެންގުޅޭ ކުންފުންޏެއް ކަމަށް ވިދާޅުވެ އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.