ޚަބަރު

ކޯޓު ޙުކުމްތައް ރިސާރޗަށް ބޭނުންކުރެވޭގޮތަށް ޝާއިޢުކުރަނީ


ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުން ނިންމާ ނިންމުންތައް، ބައިނަލްއަޤްވާމީ ލީގަލް ރިސާރޗަށް ބޭނުންކުރެވޭގޮތަށް ޝާއިޢުކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލެކްސިސް ނެކްސިސްއާއި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޝާއިޢުކުރި ފުރަތަމަ ޗާރޕް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށް ވަނީ އަރުވާފައެވެ.

މިއީ ރާއްޖޭގެ މަތީ މަރުހަލާގެ ކޯޓްތަކުން ނިންމާ ނިންމުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި ޕަބްލިޝްކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕަބްލިޝް ކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. އަދި މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ދިވެހިރާއްޖޭގެ ހައިކޯޓްގެ ނިންމުންތައްވެސް ބައިނަލްއަޤްވާމީ ލީގަލް ރިސާރޗަށް ބޭނުންކުރެވޭގޮތަސް ލެކްސިސް ނެކްސިސްއާ ގުޅިގެން ޝާއިޢުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓްގެ ނިންމުންތައް އިނގިރޭސިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. ލެކްސިސް ނެކްސިސްއަކީ ބައިނަލްއަޤަވާމީ ލީގަލް ރިސާރޗްއަށް ބޭނުންކުރާ އޮންލައިން ސޮޓްވެއަރ، އަދި ވެބްސައިޓްގެ ޚިދުމަތްދޭ ކޯޕަރޭޝަނެކެވެ.