ޚަބަރު

ކުޅުދުއްފުށްޓާއި ލ.އަތޮޅުގެ ބަހުގެ ޚިދުމަތް ދިނުން އެމްޕީއެލްއަށް


މާލެ ސިޓީއާއި ހދ.ކުޅުދުއްފުށްޓާއި ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަސް ދަތުރުގެ ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެމްޕީއެލް އޮފީހުގައި ބޭއްވި ހަފްލާގެ ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަސް ދަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމުމަކީ އެއަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔަތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ރަނގަޅު ފެންވަރެއްގައި ބަހުގެ ޚިދުމަތް ދީފައިނުވާކަމަށާ ޚާއްސަކޮށް އައްޑޫ ސިޓީގައި އެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދީފައިނުވާކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަން ރަނގަޅުގޮތުގައި ކުރަމުން އަންނަކަން މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިމަސައްކަތް، އެމްޕީއެލްއާ ހަވާލުކުރި ހިސާބުން މި މަސައްކަތް ރަނގަޅު ގޮތުގައި ހިނގަމުން އަންނަ ކަމަށާއި އަދި ވީއެންމެ އަވަހަށް މާލެ ސިޓީއާއި އަދިވެސް މި ޚިދުމަތް ބޭނުންވާ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދިނުން އަވަސްކުރުމަށް އެދޭކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ލ.އަތޮޅު ގުޅިފައިވާ ރަށްތަކުގައި ބަހުގެ ޚިދުމަތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި ކުޅުދުއްފުށީގައި ވެސް މަހެއްހާ ދުވަހުގެތެރޭގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މާލޭގައި ބަހުގެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރުމުން އެކަމަށް ތަންކޮޅެއް ގިނަ ދުވަސް ނަގާނެކަމަށާ ނަމަވެސް މާ ލަސްތަކެއް ނުވެ މާލޭގައި ވެސް ބަހުގެ ޚިދުމަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ޙަލީމްއެވެ.