ޚަބަރު

"ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ރާއްޖެ އަބަދުވެސް އޮންނާނެ"


މިދިޔަ ހުކުރު ދުވަހު އދ.ގައި ނެގި ވޯޓަކީ ރޮޔިންޔާ މުސްލިމުންނާ ދެކޮޅަށް ނެގި ވޯޓެއް ނޫން ކަމަށާއި މާދަމާވެސް ރޮހިންޔާ މުސްލިމުން ޙިމާޔަތްކުރުމަށް ބާރުލިބޭފަދަ ވޯޓެއް އދ.ގައި ނަގާނަމަ ރާއްޖެއިން އެ ވޯޓެއްގައި ބައިވެރިވާނެ ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ހުސައިން ޝަރީފް، ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ގޮނޑި ވިއްކުމާއި ވޯޓު ވިއްކުން ނިމުމަކަށް މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ މުސްލިމުންނަށް ދިމާވާ ކޮންމެ ހިތްދަތި ކަމެއްގައިވެސް އެންމެ ފުރަތަމަ އަޑު އުފުލާނެ ބަޔަކަށް ދިވެހިރާއްޖެ ވާނެ ކަމަށެވެ. ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައިވެސް މިހާތަނަށް ފިޔަވަޅު އަޅާފައި ވަނީ ރާއްޖެއިންކަން އޭނާ ފަހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކު ވިދާޅުވީ މިއަދު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގޮތުގައި ތިއްބެވި ފަރާތްތައް މަސައްކަތްކުރަނީ އެމީހުންގެ ހިތުގައި ދިވެހި ޤައުމާމެދު އިޚްލާސްތެރި ނިޔަތެއް އޮވެގެން ނޫން ކަމަށާ އެމީހުންނަކީ އެއްވެސް އަމާޒެއް އޮތް ބައެއް ނޫން ކަމަށެވެ. 

މޫސަ ވިދާޅުވީ ސަރުކާރު ބަދުނާމުކޮށްގެންވިޔަސް މިއަދު އިދިކޮޅުގައިތިބި ފަރާތްތައް ބޭނުންވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށާއި ނަމަވެސް މުޅި ދުނިޔޭގައި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ވާހަކަދެއްކިޔަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓަކީ ރޮހިންޔާއާ ނުވަތަ މިޔަންމާއާ ގުޅުންހުރި ވޯޓެއް ނޫންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ވަނީ ކުރިން ހާމަކޮށްފައެވެ. އެހެންނަމަވެސް އެއި ރޮހިންޔާ މުސްލިމުން ޙިމާޔަތް ކުރުމާގުޅޭ ވޯޓެއްގައި ސަރުކާރުން ބައިވެރިނުވީކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.