ތިމާވެށި

"މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުން އަވަސްކުރަންޖެހޭ"


ދުނިޔެއަށް މިހާރު ކުރިމަތިވަމުންދާ ކާރިޘާތަކުން އަންގައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ވަގުތު ކުޑަތަންވަމުން އަންނަ ކަމާއި މިމަސައްކަތްތަކަށް މިހާރަށްވުރެ ހަލުވި ދުވެއްޔެއް ބޭނުންވާކަން، ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ ހައިލެވެލް މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ މިދިޔަ ހަފްތާގައި އެޓްލާންޓިކްގައި ހިނގާދިޔަ ތޫފާނުގެ ކާރިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެ ކާރިޘާގައި ގެއްލުންވި ޤައުމުތަކާއި އެޤައުމުތަކަށް ލިބުނު ހިތާމައިގައި ދިވެހިން ބައިވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު ޠާރިޤް ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ކެތަރިން މެކީނާ އާއި ބައްދަލުކުރައްވާފައެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ކެތަރިން މެކީނާ ވަނީ، ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ދާއިރާގައި ރާއްޖޭގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެއޯސިސްގެ ރިޔާސަތު ބެލެހެއްޓުމުގައި ދިވެހިރާއްޖެއިން ދައްކާފައިވާ ލީޑަރޝިޕަށްވެސް އެދެބޭފުޅުންވަނީ ތައުރީފްކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15055736707572.jpg|ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ ހައިލެވެލް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ތޯރިޤް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ބައްދަލުކުރައްވަނީ / ފޮޓޯ: ޓްވިޓަރ

މިނިސްޓަރ ޠާރިޤްވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ މިއަށްވުރެ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ ހައިލެވެލް މިނިސްޓަރުންގެ ބައްދަލުވުމުގައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ވަކާލާތުކޮށް އިސްދައުރެއް އަދާކުރާ ފަރާތްތަކުން ބައިވެރިވެއެވެ. ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ރިޔާސަތު ބަލަހައްޓަމުންދާ އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުންނެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން 2015 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި އެކުލަވާލައި، އެއްބަސްވި ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމުގައި އިތުރުފިޔަވަޅު ތަކެއްއެޅުމުގެ ގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެއްކުމެވެ. އަދި މި އަހަރު ނޮވެމްބަރުމަހު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ މުއާހަދާގެ މައި ބައްދަލުވުން ކަމަށްވާ "ކޮންފަރަންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމް ވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް"އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މިބައްދަލުވުމަކީ ކެނެޑާ ސަރުކާރުގެ އިސްނެގުމާއި، ޗައިނާ އާއި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.