ތަރައްްޤީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތް ނިމެނީ


ދަރުމަވަންތަ ހޮސްޕިޓަލްގެ މުޅި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ޖޫންމަހަށް މުޅިން ނިންމައި ޚިދުމަތްދޭން ފަށާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދިވެހިން ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ރާއްޖޭގައި ތިބެގެން ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ލިބޭނެގޮތް ފަހިކޮށްދިނުމަކީ ސިއްޙީ ދާއިރާއިން ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ. އެގޮތުން ސިއްޙީ ދާއިރާއަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް، ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން އައިޖީއެމްއެޗްގެ ޙިދުމަތްތައް އެތައް ގުނައަކަށް ފުޅާވެގެންދާނެއެވެ. އައިޖީއެމްއެޗުން މަޢުލޫމާތުދޭ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ޚިދުމަތްދޭންފެށުމުން އައިޖީއެމްއެޗްގެ ޙިދުމަތްތައް ތިންގުއަނަށް އިތުރުވެގެންދާނެ. އެގޮތުން މި ހޮސްޕިޓަލާއިއެކު 500 އެނދުގެ ޖާގަ އިތުރުވެ ޚިދުމަތް ދޭނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

އެކިއެކި ބޮޑެތި ބަލަތަކަށް ޓެސްޓްކޮށް ތަހުލީލުކުރުމުގެ ޚިދުމަތާއި، ޕްރީމިއަމް ހެލްތް ސަރވިސްގެ ޙިދުމަތް ތަޢާރަފް ކުރުމާއި، ސިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނެ އިންތިޒާމް ދަރުމަވަންތަ ހޮސްޕިޓަލުގައި ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. ހޮސްޕިޓަލްގެ މަސައްކަތް ޝެޑިއުލަށްވުރެ ދެމަސް ކުރީގައި އުޅޭއިރު މިހާރު ޢިމާތާތުގެ ކޮންކްރީޓް މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޢިމާރާތުގެ 25ވަނަ ފަންގިފިލާގެ ޝީޓުއެޅުމުގެ މަސައްކަތް މިދިޔަ މަހުގެތެރޭގައި ނިމިފައިވާއިރު މިހާރުވަނީ ސިޑިތަކުގައި ޗެންޗެއިން ޖެހުމުގެ މަސައްކަތްތަކާއި، ލިފްޓް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ.

މިޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު، 2 ވަނަ ފަންގިފިލާއިން ފެށިގެން 19 ވަނަ ފަންގިފިލާއާ ހަމައަށް ޕާރޓިޝަން ވޯލް ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. 14 ވަނަ ފަންގިފިލާއާއި ހަމައަށް 35 އިންސައްތަ ކަރަންޓް މަސައްކަތް ނިމިފައިވާއިރު، 16ވަނަ ފަންގިފިލާއާއި ހަމައަށް ވަނީ އަލިފާން ނިއްވާ ނިޒާމުގެ ހޮޅިއެޅުމުގެ 35 އިންސައްތަ މަސައްކަތް ނިންމައި ޕްރެޝަރ ޓެސްޓްކޮށްފައެވެ. އަދި ހަވަނަ ފަންގިފިލާއާއި ހަމައަށްވަނީ މެޑިކަލް ގޭސް ހޮޅިއެޅުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައެވެ.

ޢިމާރާތުގެ ޚިދުމަތައް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްތަކާއި، ފަރުނީޗަރު އޯޑަރުކުރުމުގެމަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. ސަރުކާރުގެ އަމާޒަކީ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ޖޫންމަހު ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތްދޭން ފެށުމެވެ.