ދުނިޔެ

ޤަތަރާ ދެކޮޅަށް ސަޢުދީން އެއްވެސް ރޭވުމެއް ނުރާވާ- ސައުދީ


ޤަތަރު ފަދަ ކުޑަ ޤައުމަކާ ދެކޮޅަށް ސައުދީ ޢަރަބިއްޔާއިން ރޭވުންތަކެއް ރާވަމުން ނުދާކަމަށް ސައުދީން މިސްރަށާއި ޢަރަބި ލީގަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަހްމަދު ޢަލް ޤައްތާން ވިދާޅުވެއްޖެއެވެ.

ސައުދީ ޢަރަބިއްޔާގެ ޢަލް އަރަބިޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސައުދީ ސަފީރު ވިދާޅުވީ، ޤަތަރުގެ ސަބަބުން ސައުދީ ޢަރަބިއްޔާއަށް ނުރައްކަލެއް ނެތްކަމަށާއި، ސައުދީން ޤަތަރާ ދެކޮޅަށް ރޭވުންތައް ނުރާވަނީ، ދެ ޤައުމުގެ ތާރީޚާއި ދެ ގައުމުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކުގެ ބޮޑުކަމުންކަމަށެވެ.

ޤައްތާން ވިދާޅުވީ، ޤަތަރު ފަދަ ގަލްފުގެ ގައުމަކަށް ސައުދީ ޢަރަބިއްޔާއާއެކު ގުޅުން ޤާއިމުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެކަމަށާއި، ހުޅަނގު ގައުމުތަކާ ޚިލާފަށް ޤަތަރުގެ އިސްވެރިންގެ އަތުގައި ސައުދީގެ ރަސްގެފާނާ ވަލީއަހުދުގެ ފޯނުނަމްބަރުވެސް އޮންނާނެކަމަށެވެ. ސައުދީގެ ސަފީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މިހަފުތާގައި މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ލީގުގެ ބައްދަލުވުމުގައި، ސައުދީގެ ސަފީރާއި ޤަތަރުގެ ފަރާތުން ބައިވެރިވަޑައިގެން އެޤައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރާ ދެމެދު، ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ވަނީ، ސައުދީ ޢަރަބިއްޔާއިން ވަނީ ޤަތަރުގެ ޢަމީރު މަޤާމުން ވައްޓާލާ އެމަޤާމަށް ޤަތަރުގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި ޝޭޚް މުހައްމަދު ބިން ޢަބްދުލް ރަހްމާން ޢަލް ޘާނީ އައްޔަނުކުރުމަށް މަސައްކަތްކޮށްފައިކަމަށް ތުހުމަތުކުރައްވާފައެވެ.

ރައްދުގައި ސައުދީ ޢަރަބިއްޔާއިން ޢަރަބި ލީގަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ޢަލް ޤައްތާން ވިދާޅުވީ، ސައުދީ އަރަބިއްޔާއިން މިފަދަ މަކުވެރި ޢަމަލުތައް ނުހިންގާނެ ކަމަށާއި، ޤަތަރުގެ ސަރުކާރު ބަދަލުކުރުމަށް ސައުދީ ސަރުކާރުން ބޭނުންވާކަމެއް ނޫންކަމަށެވެ.